05 Jul 2016, 12:36
އެމެރިކާ ސަރުކާރުގެ ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ހުރިހާ ހަރަދަކާ އެކު އެމެރިކާގައި މާސްޓާޒް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
ސްރީ ލަންކާ އަށާއި ރާއްޖެއަށް ކަނޑައަޅާފައިހުންނަ އެމެރިކާ އެމްބަސީގެ ފަރާތުން ނެރުނުއިއުލާނެއްގައިބުނީ، އެ ފުރުސަތަށް ކުރިމަތިލެވޭނީ ދިވެހި ދަރިވަރުންގެ ތެރެއިން 24 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށް ކަމަށެވެ.
ބާރަ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ އެ ޕުރޮގްރާމްގެ ދަށުން ހޮވާނީ އެކެއް ނުވަތަ ދެ ދަރިވަރުންނެވެ. ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލުންގެ ތެރެއިން އެކުލަވާލައި ޕެނަލް އަކުން އޮންލައިކޮށް ހުށަހެޅޭ ހުރިހާ އެޕްލިކޭޝަންތަކެއް ބެލުމަށް ފަހު، އެކަމަށް އެންމެ ގާބިލް ދަރިވަރަކު ހޮވައި އިންޓަވިއު ކުރެވޭނެ އެވެ.
އިންޓަވިއު އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭގަ އެވެ. އަދި ފުރުސަތަށް ލިބޭ ދަރިވަރުންގެ ކިޔެވުން އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާ ސަރުކާރުން ދޭ އެ ފުރުސަތުތަކަށް ކުރިމަތިލާ ދަރިވަރުން އަތުގައި ކިޔަވަން ބޭނުންވާ ދާއިރާއަކުން އެންމެ ދަށްވެގެން ބެޗްލާސް ޑިގްރީއަކާ އެކު ފުރިހަމަ ތައުލީމީ ރިކޯޑެއް އޮންނަން ޖެހޭ އިރު، އެމެރިކާ ޔުނިވާސިޓީ އެއްގެ ޑިގްރީ އެއް ނުވަތަ އެމެރިކާގެ ޑިގްރީ ޕްރޮގްރާމަކުން ދަސްވެނިވެފައި ނުވާ ދަރިވަރަކަށް ވާންޖެހެ އެވެ.
މީގެ އިތުރުން އެންމެ މަދުވެގެން ދެ އަހަރުގެ ފުލް ޓައިމް ޕްރޮފެޝަނަލް ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް ބުނެފައިވާއިރު ކިޔަވާ ނިމުމަށް ފަހު އެނބުރި ރާއްޖެ އަންނަން އެއްބަސްވާން ޖެހެ އެވެ.
ފުލްބްރައިޓް ޕްރިންސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެކަމަށް އެޕްލައިކޮށް، ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރަށް އެޕްލިކޭޝަން ފޮނުވިކަން އީމެއިލް އަކުން އަންގަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.