05 Jul 2016, 12:11
ދެކުނު އޭޝިއާ ސަރަހައްދުގައި އައިއެސް ޖަމާއަތުގެ ހަރަކާތްތަކުގެ ބިރު އެންމެ ބޮޑަށް އަންނާނެ ކަމަށް ބެލެވެނީ ރާއްޖެއިން ކަމަށް އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފި އެވެ.
އިންޑިއާގެ މައި އިންޓެލިޖެންސް އިދާރާ، އިންޓެލިޖެންސް ބިއުރޯ (އައިބީ)އިން އެކުލަވާލި ރިޕޯޓެއްގެ ބައެއް މައުލޫމާތު އިންޑިއާ އާއި ސްރީލަންކާގެ ބައެއް ނޫސްތަކުން މިއަދު އާންމުކޮށްފައިވާ އިރު، އެ މައުލޫމާތުތައް ބުނާ ގޮތުގައި ރާއްޖޭގައި އައިއެސް ޖަމާއަތަށް މަދަދުވެރިވާ 500 އަށް ވުރެ ގިނަ ރައްޔިތުން އުޅެ އެވެ.
އެ 500 މީހުންނަކީ މިހާތަނަށް ސީރިއާ އާއި އިރާގަށް ދަތުރުކޮށްފައިވާ މީހުންގެ އިތުރުން ގުނޭ އަދަދެއް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. މި ރިޕޯޓުގައި އެހެން ބުނެފައިވާ އިރު، މިދިޔަ މަހު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ، ހަނގުރާމަތަކަށް ދިއުމަށް ހިތްވަރު ދޭ ބައެއް މީހުން ރާއްޖޭގައި އުޅޭކަން އެނގިފައިވާ ކަމަށާއި، ނަމަވެސް އެ މީހުން އެކަން ކުރާކަމަށް އެކަށީގެންވާ ހެކި ލިބިފައި ނުވާ ކަމަށެވެ.
"ހަނގުރާމައަށް ބޭރަށް މީހުން ފޮނުވާ ޖަމާއަތެއް ރާއްޖެއަކު ނެތް. ނަމަވެސް ވަކިވަކި ފަރުދުން އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ. އެކަން މި ދަނީ ސަރުކާރުން ބަލަމުން،" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިދިއަ މަހު ވިދާޅުވި އެވެ.
އިންޓެލިޖެންސް ރިޕޯޓުގައި އިތުރަށް ބުނަނީ، އައިއެސްއިން ރާއްޖޭގެ ޒުވާނުންގެ ސިކުނޑިތަކާ ކުޅުމެއް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަނީ އިންޓަނެޓާއި ސޯޝަލް މީޑިއާ ކަމަށެވެ. އަދި އެ ޖަމާއަތުން އެ މަސައްކަތް އިތުރަށް ފުޅާ ކުރަމުންދާ ކަމަށް ރިޕޯޓުގައި ބުނެ އެވެ.
"ރާއްޖޭގެ ސަލާމަތީ ބާރުތަކަށް މި މައުލޫމާތުތައް ރަނގަޅަށް އެނގޭ. އަދި އައިއެސްއިން މުޅި ރާއްޖޭގައި އެ ޖަމާއަތުގެ ނުފޫޒު ގަދަކުރަމުންދާ އިރު ސަލާމަތީ ބަރުތަކުން ދަނީ ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން،" އިންޑިއާގެ އިންޓެލިޖެންސްގެ އޮފިސަރަކު ބުނި ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެ އެވެ.
ނަމަވެސް އޭނާ ބުނާ ގޮތުގައި، އިންޑިއާއަށާއި ދެކުނު އޭޝިއާއަށް އައިއެސްގެ އެންމެ ބޮޑު ބިރެއް އޮތީ ދިވެހި ރާއްޖެއިންނެވެ. މިދިޔަ މަހު ބަންގްލަދޭޝްގެ ޑާކާގައި ބަޔަކު ހަމަލާތަކެއް ދިން ނަމަވެސް އިންޑިއާ އިން ބުނަނީ ބަންގްލަދޭޝްގައި އޮތީ ޖަމީއަތުލް މުޖާހިދީން ބަންގްލަދޭޝްގެ ހަމަލާތަކުގެ ތުރެޓު ކަމަށާއި، އައިއެސްގެ ތުރެޓު އަންނަނީ ރާއްޖެއިން ކަމަށެވެ.
"ޢަޅުގަނޑުމެން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ މި މައުލޫމާތުތައް ހިއްސާކުރަމުން ދަނީ. އައިއެސްގެ ހަރަކާތްތައް މަތަ ކުރުމަށް ސަރަހައްދީ ގައުމުތަކުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ،" އިންޑިއާ އިންޓެލިޖެންސްގެ އޮފިޝަލަކު ބުންޏެވެ.
ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނާ ގޮތުގައި، އެކި ގޮތް ގޮތުން އެ ސެންޓަރަށް ލިބުނު މައުލޫމާތަށް ބަލާއިރު ބޭރުގެ ހަނގުރާމަތަކަށް ރާއްޖެއިން ގޮސްފައިވާ މީހުންގެ އަދަދަކީ 49 އެވެ. އަދި ރާއްޖެއިން ހަނގުރާމައަށް ދަނީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން އެކަނި ނޫން ކަމަށާއި، ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ މުޖުރިމުންނާއި ދީނީ ގޮތުން ހޭލުންތެރިކަން ނެތް މީހުންނާއި ސްކޫލު ނުކިޔަވާ ތިބެ ބޮޑެތިވާ މީހުން ހިމެނޭ ކަމަށެވެ.