05 Jul 2016, 12:01
ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިގެން ހުއްޓާލާފައިވާ ހަވީރު ނޫހުގެ މުވައްޒަފުން ދެއަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާނަމަ ފިޔަވަޅުއެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަންގައި ކުރި ހުކުމް 33 މުވައްޒަފަކު ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހަވީރު ހުއްޓާލަން ސިވިލް ކޯޓުން އަމުރު ކުރި އިރު ހަވީރުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް އެހެން އެއްވެސް މީޑިއާ އައުޓްލެޓެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ލާޒިމްކޮށް ހުކުމް ކުރީ މިދިއަ އާދިއްތަ ދުވަހު އެވެ.
ހަވީރުގައި ކުރިން އުޅުން 33 މުވައްޒަފަކު މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަން ގާނޫނީ ވަކީލު ހުސްނުއްސުއޫދުވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ސުއޫދު ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރީ ސިވިލް ކޯޓުގައި ބެލި މައްސަލައަކީ މުވައްޒަފުންނާއި ގުޅުން ހުރި މައްސަލައަކަށް ނުވެފައި، މުވައްޒަފުން ނުހިމެނޭ ގަޒިއްޔާއެއްގައި އެމީހުންނަށް ފިޔަވަޅު އަޅައި ހުކުމް ކުރިމަކީ "ތަބީއީ އިންސާފުގެ އުސޫލުތަކާ ހިލާފު" ކަމެއް ކަމަށް ބުނެ ކަމަށެވެ.
އޭގެ އިތުރުން މުވައްޒަފުންގެ މައްޗަށް ހުކުމެއް ކުރާނަމަ އެމީހުންގެ ބަސް ހޯދަން ޖެހޭނެކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް ބަސް ހޯދާފައި ނުވާތީ އެ ނުކުތާ ވެސް އިސްތިއުނާފު ފޯމުގައި ވާހަގަކޮށްފައިވާނެ ކަމަށެވެ. އަދި ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ހުކުމް ކުރީ އެމީހުންނާ އެކު ހަވީރުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އެގޮތަށް ކޯޓުން ހުކުމް ކުރީ ދައުވާ ކުރާފަރާތުން އެގޮތަށް އެދިގެން ނޫންކަން ވެސް ސުއޫދު ވަނީ ފާހަގަކުރައްވައިފަ އެވެ.
ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މީޑިއާއަކީ މުވައްޒަފުންނާއި ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ. އަދި މީގެކުރިން ވެސް ރާއްޖޭގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެއީ ގާނޫނު މަނާކުރާ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.