21 May 2011, 13:41
ރައްޔިތުންގެ މަޖްލިހުގެ މެމްބަރުން ރިޝްވަތު ދީގެން އެމްޑީޕީއަށް ގެންދާ މައްސަލަ ވަގުތުން ފުލުހުންލައްވާ ތަހުގީގު ކުރުވައި ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ގައުމީ ޕާޓީން ގޮވާލައިފި އެވެ.
ގައުމީ ޕާޓީން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ އަމަލުތަކަކީ ހުދުމުހުތާރު އަމަލްތަކެއް ކަމަށެވެ. ހާމަކަން ބޮޑު ގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ރައީސް ހިންގަވާ ކަމުގެ ތުހުމަތު ކޮށް ގައުމީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ތާހިރު ދިރިއުޅުމަކަށް ދިވެހިން މިސްރާބު ބަދަލު ކުރަނީކަމަށް އެމްޑީޕީން ބުނިބުނުން، ފާޅުކަން ބޮޑުކޮށް މަޖުލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ ފައިސާ ބޭނުންކޮށްގެން މެމްބަރުން ގަތުމާއި، ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް އާންމުކުރުމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"... ވައްކަންކުރުމާއި މީހުން މެރުން ގިނަވެ، ހަށިވިއްކުންފަދަ ފާހިސް އަމަލުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ގައުމުގެ އެންމެ އިސްވެރިމީހާ އާއި، ވެރިކަންކުރާ ޕާޓީން ފާޅުގައި ފައިސާދީ މެމްބަރުން ގަނެ، އެއީ ފަޚުރުވެރިވާފަދަ ކަމެއްކަމަށް ދެކި އުފަލާއެކު ބަލައިގަންނަ އެމްޑީޕީގެ މެމްބަރުންތިބި ނަމަ، ވައްކަމާއި، މަގުފޭރުމާއި، ޚިޔާނާތާއި، ހަށިވިއްކުމަކީ ވެސް އެކަންތައްކުރާ ފަރާތްތަކުން ފަޚުރުވެރިވާނެ ކަންތައްތަކެއްކަން ޔަގީނެވެ،" ގައުމީ ޕާޓީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ރައީސް ނަޝީދާއި އެމްޑީޕީގެ އަމަލުތައް އަމާޒުވެފައިވަނީ ނުތާހިރު، މުޑުދާރުގޮތަށް އަމަލުކޮށް ވެރިކަމުގައި ދެމި ތިބުމަށް ކަމަށާއި އެމްޑީޕީ އަދާކުރަނީ ހުސްނީ މުބާރަކާއި ގައްޒާފީ، އައި ޔަމަނުގެ އަލީ އަބުދުﷲ ސާލިޙު ފައިސާ އާއި ރިޝްވަތު އާންމުކޮށްގެން، ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ގަނެގެން ވެރިކަމުގައި ދެމިތިބުމުގެ އުކުޅު ކަމަށް ވެސް ބުނެފައި ވެއެވެ.
"ފާޅުކަން ބޮޑުގޮތަށް ރިޝްވަތުދީގެން ރިޝްވަތުގެ އަމަލުތައް އާންމުވެ ހުޅުވިފައިވާއިރު، މަޖްލިސް މެމްބަރުން ގަނެގެން ނުވަތަ ރިޝްވަތު ހުށަހަޅައިގެން އެމްޑީޕީއަށް ގެންދާއިރު، ފުލުހުންގެ ގާނޫނުގެ ދަށުން ޣައިރު ގާނޫނީ ކަންތައްތައް ހުއްޓުވުމަކީ ފުލުހުންގެ މަސްއޫލިއްޔަތަކަށްވާތީ، އެކަން ވަގުތުން ތަޙްގީގުކުރުމަށާއި، ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންނާއި ގުޅިގެން ފެތުރިފައިވާ ރިޝްވަތުގެ ކުށުގެ އަމަލް ތަހްގީގުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުން ލިބިދޭ ބާރު ބޭނުން ކުރައްވައިގެން ފުލުހުންނަށް އެންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ގޮވާލަމެވެ،" ގައުމީ ޕަޓީގެ ބަޔާނުގައި ބުނެފައި ވެ އެވެ.