05 Jul 2016, 14:45
އެމެރިކާގެ ތެލުގެ ރިޒާވް، ރަޝިއާއާއި ސައުދީ އަރަބިއްޔާގެ ތެލުގެ ރިޒާވަށް ވުރެ މައްޗަށް ފުރަތަމަ ފަހަރަށް އަރައިފި އެވެ.
ނޯވޭގެ ރީސްޓާޑް އެނާޖީ އިން ހެދި ދިރާސާތަކަކުން ދައްކާ ގޮތުގައި އެމެރިކާގައި މިހާރު ހުރި ތެޔޮ ފީލްޑުތަކުގައި ހުރި ތެލާއި، އަދި ކުރިޔަށް ތަނުގައި 264 ބިލިޔަން ފީފާ ތެޔޮ ނެގޭނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ރަޝިއާގެ ތެޔޮ ރިޒާވުގެ ގޮތުގައި ބެލެވެނީ 256 ބިލިޔަން ފީފާ އެވެ. އަދި ސައުދީ އަރަބިއްޔާގެ ތެލުގެ ރިޒާވްގައި ހުރި ކަމަށް ބެލެވެނީ 212 ބިލިއަން ފީފާއަށް ވާ ވަރުގެ ތެލެވެ.
މިއީ ދުނިޔޭގެ ތެލުގެ ރިޒާވް އެންމެ މަތީ ގައުމުގެ ގޮތުގައި އެމެރިކާ ފާހަގަވެގެން ދިޔަ އެންމެ ފުރަތަމަ ފަހަރެވެ.
ރިސްޓާޑް އެނާޖީއިން ދުނިޔޭގެ 60،000 ތެޔޮ ފީލްޑު ތިން އަހަރު ދުވަސް ވަންދެން އެނެލައިޒްކޮށް ކުރި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުގައި މުޅި ދުނިޔޭގެ ތެލުގެ ރިޒާވް ހުރީ 2.1 ޓްރިލިޔަން ފިފާއަށްވާ ވަރަށެވެ. މިވަގުތު ދުނިޔޭގައި އަހަރަކު 30 ބިލިޔަން ފީފާގެ ތެޔޮ އުފައްދާ އިރު، 2.1 ޓްރިލިޔަން ފީފާއަކީ އެ އަދަދަށް ވުރެ 70 ގުނަ އިތުރު އަދަދެއްކަން ފާހަގަ ކުރެވެ އެވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން ދުނިޔޭގެ ތެލުގެ ބާޒާރު ކޮންޓްރޯލު ކޮށް އެ ވިޔަފާރިއަށް ބާރު ފޯރުވި ނަމަވެސް، އެމެރިކާއިން ވަނީ ތެޔޮ ނެގުމުގެ އާ ގޮތްތަކެއް ބޭނުންކުރަން ފަށައިފަ އެވެ. އެގައުމުގެ ތެލުގެ ރިޒާވް ހުރީ ސައުދީއާއި ރަޝިއާއަށް ވުރެ މަތީގައިކަން އެނގުނީ ތެޔޮ ނެގުމުގެ އާ ގޮތްތައް ބޭނުންކުރަން ފެށުމުންނެވެ.
އެހެންކަމުން، ތެޔޮ ހޯދުމަށް އެމެރިކާ އިން އެހެެން ގައުމުތަކަށް ބަރޯސާވާން ނުޖެހި، ހަކަތައިގެ ދާއިރާގައި "މިނިވަން" ގައުމެއްގެ ގޮތުގައި އެމެރިކާ ވާނެ ކަމަށް ބެލެވެ އެވެ.
"މުސްތަގުބަލުގައި މިފަދަ ސަޕްރައިޒްތައް އެހެން ގައުމުތަކުން ފެނުމަކީ ނާދިރުކަމެއް. އެކަމަކު އެމެރިކާ އިން އަދިވެސް އާ ކަންކަން ފެނިދާނެ ކަމަށް ބެލެވޭ،" ރިސްޓާޑް އެނާޖީގެ އެނަލިސްޓަކު ބުންޏެވެ.