05 Jul 2016, 11:58
ބ. އޭދަފުށީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކާއި އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 10:30 އެހާކަންހާއިރު އޭދަފުށީ ހިއްކި ބިމުގައި ދެ މައިން ހިނގާފައި ދަނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލަކުން ދެ މައިން ގައިގައި ޖެހިގެން ކަމަށެވެ.
ރޭ ބ. އަތޮޅު ހޮސްޕިޓަލުގައި ދެމައިންނަށް ފަރުވާ ދިނުމަށް ފަހު ވަނީ މާލެ ފޮނުވާލައިފަ އެވެ. ދެމައިންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ދެމައިންނަށް ވެސް ބޭރުފުށުން ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އިތުރަށް ޗެކް ކުރަން ޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސީޓީ ސްކޭން ވެސް ހަދައިފި. ދެ ޕޭޝަންޓުން ވެސް ސްޓޭބަލް. އެކަމަކު ބައެއް އިންވެސްޓިގޭޝަންސް ހުރީމާ އަދި ބައިތިއްބާފައި ތިބީ،" އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ. އެގޮތުން ސައިކަލު ދުއްވަން އިން މީހާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަދި ސައިކަލު ފަހަތުގައި އިން މީހާ އަށް ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ.
އެ ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.