ފިތުރު އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފި އެވެ.

އިއްޔެ ފެށި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ. ޕްރޮގްރާމް ފަށާފައި ވަނީ މާލޭ ބަނދަރު ސަރަހައްދުންނެވެ.

އެއީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާތީ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމުގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ވެސް ގިނަ އަދަދެއްގެ އުޅަނދު ޗެކް ކުރެވިފައިވާ ކަމަށާއި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.