21 May 2011, 13:16
ގދ. ތިނަދޫގެ އެކި އެކި ގެތަކުގައި ގެންގުޅޭ ބިދޭސީން އެ މީހުންގެ އަޅުކަންތައް އެ ރަށުގެ ގިނަ ބަޔަކު ޖަމާވާ އެ ރަށުގެ އަތިރިމަތީގެ ސަރަހައްދެއްގައި ކުރަމުން އެބަދެ އެވެ.
ތިނަދޫގައި ބިދޭސީން ފާޅުގައި އަޅުކަން ކުރާ މަންޒަރު ފޮޓޯ ނެގި މުހައްމަދު އަޚުތަރު ބުނީ ބިދޭސީން ތިނަދޫގެ ހުޅަނގު ފަރާތު އަތިރި މަތީގައި އެ މީހުންގެ ދީނީ އަޅުކަންތައް ކުރާކަން ފާހަގަކުރެވިފައިވާ ވާތާ މިހާރު މަހެއްހާ ދުވަސްވެފައިވާ ކަމަށެވެ.
އެރަށުގައި ބިދޭސީން އަޅުކަން ކުރަނިކޮށް ނަގާފައިވާ ފޮޓޯ ތަކުން ހިންދޫ ދީނުގެ މީހުން އަޅުކަން ކުރާއިރު ފެންނަ ކަހަލަ ހަރަކާތްތަކެއް ފެނެ އެވެ.
އެރަށު މީހަކު ބުނީ އެރަށު އަތިރި މަތީގައި ބިދޭސީން އަޅުކަން ކުރާއިރު ގިނައިން ފެންނަނީ ވެލިގަނޑު މަތީގައި ކާއްޓާއި ދޮންކެޔޮ ފާޑުގެ ތަކެތި އަތުރައި އެންމެން ވަށައިގެން ތިބި ސަޖިދައަށް ތިރިވާތަން ކަމަށެވެ. އަދި އޭގެ ތެރޭގައި އިސް މީހަކު ފޮތެއް ބަލައިގެން އެއްޗެހިތަކެއް ކިޔާ ކަމަށްވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.
" އަޅުގަނޑަށް އެކަން ފާހަގަކުރެވިއްޖެ މީގެ ހަތަރު ހަފުތާ ކުރިން، ދެން އަޅުގަނޑު އެތަނަށް ގޮސް އެމީހުން އަޅުކަން ކުރާ މަންޒަރު ފޮޓޯ ވެސް ނެގިން، އަދި އަޅުގަނޑު ވާނީ އެކަން ބަލައި ދިނުމަށް ރަށުކައުންސިލްގައި އެދިފައި،" ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވި އަހުތަރު ބުންޏެވެ.
ގާތްގަގަނޑަކަށް 7000 އާ ގާތްކުރާ އަދަދަކަށް މީހުން އުޅޭ ތިނަދޫގައި 1000 އަށް ވުރެ ގިނަ ބިދޭސީން އެކި ކަންކަމުގައި އުޅެ އެވެ. އެ ރަށުގެ ބިދޭސީ އާބާދީ، އެމީހުންގެ ދީންތަކުގެ އަޅުކަން ފާޅުގައި ކުރާ ކަމަށް އެރަށުގެ ބައެއް އެހެން މީހުން ވެސް ބުނެ އެވެ. ނަމަވެސް ރަށުކައުންސިލްގެ ރައީސް އަހުމަދު ނަސީރު މިއަދު ވިދާޅުވީ އެރަށުގައި އުޅޭ ބިދޭސީން އާންމުންގެ ތެރެއަށް ނުކުމެ ފާޅުގައި އަޅުކަންކުރާ މައްސަލަ އެހާ ބޮޑުވެފައި ނުވާ ކަމަށެވެ.
" އަޅުގަނޑުމެންނާ ހަމައަށް އެކަމުގެ ޝަކުވާ އުފުލީ އެންމެ ފަރާތަކުން، ދެން އަޅުގަނޑުމެން މިދަނީ އެ މައްސަލަ ބަލުމުން،" ނަސީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިދޭސީން އެ މީހުންގެ އަޅުކަން ކޮންމެ ހުކުރު ދުވަހަކު ހުޅަނގު ފަރާތު އަތިރިމަތީގައި ކުރާ ކަމަށް ޝަކުވާ އުފުލި ފަރާތުން ބުނާ ކަމަށެވެ. ބީދޭސީން އެ ސަރަހައްދުގައި އަޅުކަން ކުރޭތޯ ބެލުމަށް ފުލުހުންނާއި ރަށު ކައުންސިލުން އިއްޔެ ބެލި ނަމަވެސް އެފަދަ އެއްވެސް ހަރަކާތެއް ފެނިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިއްޔެ އެތަނަށް ދިޔައިރު ފެނުނީ އެމީހުން އެތާ ހަމަ އިށީނދެލައިގެން ތިބި ތަން، ދެން އެމީހުން އެތަނުގައި ތިބެނީ ކީއްވެތޯ ސުވާލުކުރުމުން ބުނީ ހުކުރު ދުވަހަކީ އެމީހުންނަށް ލިބޭ ހަމަ އެކަނި ޗުއްޓީ ދުވަސް ކަމަށް ވާތީ ހަމަ އިށީނދެލައިގެން ތިބީ ކަމަށް،" ނަސީރު ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެމީހުންގެ ހަރަކާތްތައް ބަލާކަން އެނގިގެން އިއްޔެ އެމީހުން އަޅުކަން ނުކުރީ ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ފުލުހުން ބުނީ ތިނަދޫގައި ބިދޭސީންގެ ބަޔަކު ފާޅުގައި އެހެން ދީނެއްގެ އަޅުކަމެއް ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަނީ ތިޔަ ކަހަލަ ޝަކުވާއެއް ލިބިފައި، ދެން އިއްޔެ ބެލި ބެލުމުން އެފަދަ މަންޒަރެއް ފެނިފައެއް ނުވޭ، އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެ މައްސަލަ އިތުރަށް ބަލަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
އަޚުތަރު ބުނީ ރަށު ކައުންސިލަށް އޭނާ ހުށައެޅި ޝަކުވާގައި އެ މީހުން އަޅުކަން ކުރާ ކަމަށް ފާހަގަކިރެވިފައިވާ ވަގުތައް ބުނެދީފައި ވީ ނަމަވެސް އެ ގަޑީގައި ރަށުކައުންސިލްގެ މެމްބަރަކު ވެސް އަދި ފުލުހަކު ވެސް އެތަނަށް ދިޔަކަން އެނގިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އެމީހުން އެކަން ކުރަނީ ހުކުރު ދުވަހުގެ 12.30 ހާއިރުއާއި 5.30 ހާއިރު ކަމަށް. އެހެން ނަމަވެސް ރަށުކައުންސިލްގެ މެމްބަރަކާއި ފުލުހުން އިއްޔެ އެތަނަށް ގޮސްފައި ވަނީ 5.30 އަށް ވުރެ ވެސް މާ ފަހުން،" އަހުތަރު ބުންޏެވެ.