މިރޭ ސައުދީ އަރަބިއްޔާގެ މަދީނާގައި ޖާނުން ފިދާވެގެން މީހަކު ބޮމުގެ ހަމަލާއެއް ދީފައިވާ އިރު، އެގައުމުގެ އިތުރު ދެ ސިޓީއެއްގައި ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

މަދީނާގައި ހަމަލާ ދީފައިވާ އިރު، އޭގެ ކުރިން ހަމަލާ ދީފައިވަނީ ޖިއްދާއާއި، އިރުމަތީގެ ސިޓީއެއް ކަމުގައިވާ ޤާތިފްގަ އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސުލޭޓް ކައިރީގައި ޖާނުން ފިދާވެގެން ހަމަލާ ދީފައިވަނީ ސޫސައިޑް ވެސްޓެއް އަޅައިގެން ހުރި މީހެކެވެ.

އެ މިނިސްޓްރީން ބުނާ ގޮތުގައި އެސަރަހައްދުގައި ހުންނަ ޑރ ސުލައިމާން ފަކީސް ހޮސްޕިޓަލުގެ ޕާކިން ލޮޓުގައި މި މީހާ ބޮން ގޮއްވާލީ، އެވަގުތު އެތަނުގައި ތިބި ސެކިއުރިޓީ ގާޑުން އޭނާގެ ކައިރިއަށް ދާން މަސައްކަތް ކުރުމުންނެވެ. މި ހަމަލާ ދިން މީހާ މަރުވެފައިވާ އިރު އޭނާއާ ދިމާލަށް އެވަގުތު ދިޔަ ދެ ސެކިއުރިޓީ ގާޑުންނަށް އެކި ވަރުގެ ޒަޚަމްތަކެއް ލިބިފައިވެ އެވެ. އަދި އެ ޕާކިން ލޮޓުގައި ހުރި ބައެއް އުޅަނދުތަކަށް ވެސް އެކި ކަހަލަ ގެއްލުން ލިބިފައި ވެ އެވެ.

ހަމަލާއާ ގުޅިގެން ސައުދީގައި ހުންނަ އެމެރިކާ އެމްބަސީއިން ބުނީ، ޖިއްދާގައި ހުންނަ އެމެރިކާ ކޮންސުލޭޓުގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ޖިއްދާގެ އިތުރުން މިރޭ ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާގެ އިރުމަތީގައި އޮންނަ، ޝީޢީންގެ އާބާދީ ބޮޑު ޤާތިފް ސިޓީގެ މިސްކިތެއްގެ ކައިރީގަ އެވެ. އެ ސަރަހައްދުގައި ހަމަލާ ދިން މީހާ ސޫސައިޑް ވެސްޓެއްގެ އިތުރުން ކާރު ބޮމެއް ވެސް ގޮއްވާލާފައި ވެ އެވެ. މި ހަމަލާގައި ވެސް މަރުވެފައި ވަނީ ބޮން ގޮއްވާލި މީހާ އެކަންޏެވެ.

ސައުދީ އަރަބިއްޔާގެ މަދީނާގައި ބޮމެއް ގޮއްވާލާފައި ވަނީ މަސްޖިދުލް ނަބަވީ ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގަ އެވެ. އެ ހަމަލާގައި ހަ މީހަކު މަރުވެ، ނުވަ މީހަކު ޒަޚަމް ވެފައި ވެ އެވެ.