05 Jul 2016, 00:05
ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ކައިރީގައި މިރޭ ދިން ބޮމުގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މަދީނާގައި މިރޭ މި ހަމަލާ ދީފައި ވަނީ މަސްޖިދުލް ނަބަވީ ކައިރީގައި ހުންނަ ޖަންނަތުލް ބާޤީ ޤަބުރުސްތާނު ކައިރިންނެވެ.
މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ، މި ހާދިސާގެ ޚަބަރު އެއްސެވުމުން ސިހިވަޑައިގެންނެވި ކަމަށާއި، މަދީނާގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް މިރޭ ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ހުރިހާ ދިވެހީން މިވަގުތު ތިބީ މައްކާގައި ކަމަށެވެ.
"މިހާރު މަދީނާގައި ހިނގައިގެން އުޅޭ ހާދިސާގެ އެއްވެސް ގެއްލުމެއް ހައްޖު ކޯޕަރޭޝަނުގެ އުމްރާވެރިންނަކަށް ނުލިބޭ. އަލްހަމްދުﷲ، ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅު،" ޔާމިން ވިދާޅުވި އެވެ.
މަސްޖިދުލް ނަބަވީގެ ކައިރީގައި މިރޭ ދީފައިވަނީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. މި ހަމަލާ ދީފައިވަނީ މަސްޖިދުލް ނަބަވީ ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ބޮމެއް ގޮއްވާލައިގެންނެވެ.
އެނގިފައިވާ ގޮތުގައި، ކާރުގައި ބޮން ގޮއްވާލި މީހާއާ އެކު، ޖުމްލަ ތިން މީހަކު ވަނީ ހަމަލާގައި މަރުވެފަ އެވެ. އޭނާގެ އިތުރުން މަރުވި ދެމީހުންނަކީ އެސަރަހައްދުގައި ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުގެ ދެ ސިފައިންނެވެ.