އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު ވެލެންސިއާ އިން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ލީގުގެ ހަތަރު ވަނަ އަށް ވެލެންސިއާ ޖެހިލީ ކުޅުނު ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. މިރޭގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ. އެ މެޗަކީ ވެލެންސިއާ އާއި ވިކްޓަރީ އަށް ފުރަތަމަ ބުރުގެ ފަހު މެޗެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ހަސަން އަދުހަމް ދިން ބޯޅައަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހާންސްލޭ އަވީލޯ އެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ވެސް އަވީލޯ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ކީޕަރު ހަސަން ތޮލާލް ކައިރިން ނައްޓާލުމަށް އަވީލޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވެލެންސިއާ އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު، ވިކްޓަރީ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ވިކްޓަރީގެ އޮމޮދޫ ގޮޑްފްރޭ ވެސްޓާއި އަލީ ހަމްދާނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގައި ވިކްޓަރީގެ ހަމްދާން އުފެއްދި ހަމަލާ ފާހަގަކޮށްލެވެ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އޭނާ އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހުސައިން ނިހާން ނަގައިދިން ހުރަހަކުން އަވީލޯ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ވިކްޓަރީގެ ކީޕަރު ތޮލާލްއާ ދިމާލަށެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ވެލެންސިއާގެ ޔޫސުފް ރަމީޒް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ، ވިކްޓަރީގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ވެލެންސިއާ އިން ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. އަވީލޯ ނަގައިދިން ހުރަހަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަދުހަމް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ވެލެންސިއާ އިން ދެވަނަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އިތުރު ލަނޑެއް ޖެހުމަށް ވެސް އެ ޓީމަށް ފުރުސަތު ލިބުނެވެ. އަކްރަމް އަބްދުލްޤަނީ (އަކޫ) ދިން ރީތި ބޯޅައަކުން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، އަވީލޯ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ވިކްޓަރީން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ޝީމޯނޯ އަޓްޝުޝީ އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އެވެ.