05 Jul 2016, 01:20
ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ބޮޑުވުމާ ގުޅިގެން ނިމިދިޔަ މޭ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.06 ޕަސަންޓު މައްޗަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޭޕްރިލް މަހުގައި އިންފްލޭޝަން ރޭޓު 0.18 ޕަސަންޓު ދަށަށް ދިޔަ ނަމަވެސް، ނިމިޔަ މެއި މަހު އިންފްލޭޝަން ވަނީ 0.06 ޕަސަންޓަށް މައްޗަށް ގޮސްފައެވެ.
ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވަނީ ކާނާގެ ބައެއް ބާވަތްތަކުގެ އަގު މައްޗަށް ގޮސްފައި ވުމެވެ.
އެގޮތުން މަހުގެ އަގު 1.28 ޕަސަންޓަށް، މޭވާގެ ބާވަތްތައް 1.13 ޕަސަންޓަށް، އަދި ފެނާއި ލުއި ބުއިންތަކާއި ތަރުކާރީއާއި މޭވާ ޖޫހުގެ ބާވަތްތަކުގެ އަގު 0.47 ޕަސަންޓަށް މައްޗަށް ގޮސްފައި ވެ އެވެ.
މީގެ އިތުރުން، ގޭގޭގެ ކުލީގެ އަގު 0.58 ޕަސަންޓަށް، ފައިވާނާއި ބޫޓު ފަދަ ތަކެތީގެ އަގު 1.56 ޕަސަންޓަށް އަދި ދުންފަތާއި ދުމުގެ ބާވަތްތަކުގެ އަގު 1.25 ޕަސަންޓަށް މައްޗަށް ދިއުން ވެސް، މޭ މަހުގެ އިންފްލޭޝަން މައްޗަށް ދިއުމުގައި ސަބަބެއްގެ ގޮތުގައި ވެ އެވެ.
މޭ މަހުގައި އަގު ދަށަށް ގޮސްފައިވާ ބާވަތްތަކަކީ ފަރުނީޗަރާއި، ކައްކާ ގޭހާއި، މޮޓޯސައިކަލާއި، ގޯތިގެދޮރު ޒީނަތްތެރި ކުރުމަށާއި ސާފު ކުރުމަށް ބޭނުންކުރާ ތަކެއްޗާއި މުވާސަލާތީ ޚިދުމަތްތައް ހިމެނެ އެވެ.
މީގެ އިތުރުން އެއްގަމު ދަތުރުފަތުރުތަކުގެ އަގު 3.52 ޕަސަންޓަށް ދަށްވެފައިވާ އިރު ބިހާއި ކިރާއި ޗީޒް ފަދަ ޑެއިރީ ފުޑް ޕްރޮޑަކްޓްސްގެ އަގު 0.17 ޕަސަންޓު ދަށް ވެފައި ވެ އެވެ. އަދި ތަރުކާރީގެ އަގު ވެސް 1.18 ޕަސަންޓު ދަށްވެފައިވެ އެވެ.