05 Jul 2016, 09:20
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ އާޖެންޓީނާގެ ބާސެލޯނާ ފޯވާޑް ދެރަވެފައި ހުރި މަންޒަރު ފެނުމުން، އޭނާ އަށް ވަރަށް އަސަރު ކުރިކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޖެހިޖެހިގެން ދެ ފައިނަލުން ނާކާމިޔާބީއާ ކުރަމަތިލާން ޖެހުނު، މެސީގެ އާޖެންޓީނާ ޓީމު ވަނީ ދާދި ފަހުން ނިމުނު ކޮޕާ އެމެރިކާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފަހު ވަގުތު ޗިލީ އަތުން ބަލިވެފައެވެ. މެސީ އަތުން ނާކާމިޔާބުވި ޕެނަލްޓީއާ އެކު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވެސް އިއުލާން ކޮށްފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ބުނީ މެސީ އެވަނީ ވަރަށް އުނދަގޫ ނިންމުމެއް އިއުލާން ކޮށްފައި ކަމަށާއި އޭނާގެ ނިންމުމަށް ހުރިހާ ފަރާތް ތަކަކުން ވެސް އިޚްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
"މެސީ އެވަނީ އޭނާގެ ކެރިއަރުގައި ވަރަށް އުނދަގޫ ނިންމުމެއް ނިންމާފަ. ނަމަވެސް ވަރަށް ގިނަ ފަރާތް ތަކަކުން ދަނީ އޭނާގެ ނިންމުން ބަދަލު ކުރަމުށް އެދެމުން،" ރޮނާލްޑޯ ބުންޏެވެ.
މި ފަހުގެ ތާރީހް ގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި މެސީ އަކީ ފުޓްބޯޅަ ދަނޑު މަތީގެ އިތުރުން ދަނޑު ބޭރުގައި ވެސް ވަރަށް ވާދަވެރި ދެ ކުޅުންތެރިންނެވެ.
ނަމަވެސް ރޮނާލްޑޯ ބުނީ ކޮޮޕާ އެމެރިކާ ފައިނަލްގައި ޗިލީ އަތުން ބަލިވި މެޗަށް ފަހު މެސީ ދެރަވެފައި ހުރި މަންޒަރު ފެނުމުން އޭނާ އަށް ވެސް އަސަރު ކުރި ކަމަށާއި މެސީގެ ނިންމުން ބަދަލު ކޮށް ގައުމީ ޓީމާ އެކު ކުރިއަށްދާ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.
"ޕެނަލްޓީ އެއް ކާމިޔާބު ނުކުރެވުމުން އަދި ނުވާނެ އެއީ ނުކުޅެވޭ ދަށް ކުޅުންތެރި އަކަށް. އަހަރެން އެދެނީ މެސީ އަދި ގައުމީ ޓީމުން ފެނުން. އެއީ ގިނަ ސަޕޯޓަރުން ވެސް އެދެނީ މެސީ ގައުމީ ޓީމުން ފެންނަން ކަމަށްވާތީވެ،" ރޮނާލްޑޯ ބުންޏެވެ.