ނެދަލެންޑްސްގެ ޑިފެންޑަރު ގްރެގޮރީ ވެން ޑާ ވީލް، ތުރުކީގެ ފެނަބާޗޭއާ ގުޅިއްޖެ އެވެ.

ފެނަބާޗޭ އިން ބުނާ ގޮތުގައި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ވެން ޑާ ވީލް ގެނައުމަށް މަޝްވަރާތައް ފެށުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ފެނަބާޗޭގެ މެޑިކަލް ފުރިހަމަކޮށް ސޮއިކުރި ނަމަވެސް، އޭނާގެ އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ.

ޖަރުމަނުގެ ޝާލްކޭއާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު ހަމަވެފައިވާ އުމުރުން 28 އަހަރުގެ ރަޝިއާ މިޑްފީލްޑަރު ރޯމަން ނޮއިސްޓާޑާ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ވެސް ފެނެބާޗޭ އިން ވަނީ އިއުލާންކޮށްފަ އެވެ. ފެނެބާޗޭއާއެކު މަޝްވަރާތަކުގައި ބައިވެރިވުމަށް މާދަމާގެ ވަގުތެއްގައި އިސްތަންބޫލަށް ނޮއިސްޓާޑާ ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެ އެވެ.

ފެނަބާޗޭ އިން މިދިޔަ ސީޒަނުގެ ތުރުކީ ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ.