މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުރި ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި ފައިސާ 12 ޕަސަންޓު ދަށަށް ހިނގައްޖެ އެވެ.

އެމްއެމްއޭއިން ކޮންމެ މަހަކުވެސް ނެރެމުންދާ ރާއްޖޭގެ އިގްތިސާދީ ރިވިއުގެ ޖޫން މަހުގެ އަދަދުގައި ބުނެފައިވާ ގޮތުން ޖޫން މަސް ފެށުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 624 މިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މެއި މަސް ނިމުނު އިރާ އަޅައިބަލާއިރު 11 ޕަސަންޓު ދަށް އަދަދެކެވެ.

މި އަހަރުގެ މޭ މަސް ފެށުނު އިރު ރަސްމީ ރިޒާވްގައި ހުރީ 707.2 މިލިޔަން ޑޮލަރެވެ. މި އަދަދާ އަޅައިބަލާއިރު، ޖޫން މަސް ފެށި އިރު ހުރި 624 މިލިޔަން އެމެރިކާ ޑޮލަރަކީ 12 ޕަސަންޓު ދަށް އަދަދެކެވެ.

ރިވިއުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވުން ބޭރުގެ ލައިބިލިޓީޒް އުނިކުރުމުން ބާކީ އޮންނަ އަދަދު، ނުވަތަ ޔޫޒަބަލް ރިޒާވް ޖޫން މަސް ފެށުނު އިރު ހުރީ 208.4 މިލިޔަން ޑޮލަރުގަ އެވެ. ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުންނަ ފައިސާ އެވެ.

ޖޫން މަސް ފެށުނު އިރު ޔޫޒަބަލް ރިޒާވް 208.4 މިލިޔަން ޑޮލަރުގައި ހުރި އިރު އޭގެ ކުރީ މަހުގައި އެ އަދަދު ހުރީ 230.8 މިލިޔަން ޑޮލަރުގަ އެވެ. މިއީ 10 ޕަސަންޓުގެ ދަށް ވުމެކެވެ.

ރިޒާވް ދަށް ވާން މެދުވެރިވި ސަބަބެއް އިގްތިސާދީ ރިވިއުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް، އެމްއެމްއޭއިން ބުނާ ގޮތުގައި ޖޫން މަސް ފެށުނު އިރު ރާއްޖޭގެ އިގްތިސާދުގައި ދައުރުވަމުންދާ ޖުުމްލަ ފައިސާގެ އަދަދަކީ 32.6 ބިލިޔަން ރުފިޔާ އެވެ.