BREAKING: Masjidul Nabawi kairiga bomb eh govvaalaifi
BREAKING: Masjidul Nabawi kairiga bomb eh govvaalaifi

Last Updated:
9 year 5 month ago

މަސްޖިދުއްނަބަވީ ކައިރީގައި ބޮމެއް ގޮއްވާލައިފި

    ބުލޮގު ޚުލާސާ

    ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއްނަބަވީ ކައިރީގައި ބޮމެއް ގޮއްވާލައިފި އެވެ.

    މަސްޖިދުލް ނަބަވީގެ ކައިރީގައި މިރޭ ދީފައިވަނީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. މި ހަމަލާ ދީފައިވަނީ މަސްޖިދުލް ނަބަވީ ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ބޮމެއް ގޮއްވާލައިގެންނެވެ.

    ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، މަރުވެފައިވާ މީހުންގެ ހަށިތައް އެ ކާރުގެ ކައިރީގައި މަގުމަތީގައި ހުރި މަންޒަރު ފެނެ އެވެ.

    މި ހާދިސާއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ސައުދީގައި ހިނގި ހާދިސާގެ ޚަބަރުތައް އެ މިނިސްޓްރީން ބަލަމުންދާ ކަމަށާއި އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

    ހައްޖު ކޯޕަރޭޝަންނުން ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ހުރިހާ ދިވެހީންވެސް މިވަގުތު ތިބީ މައްކާގައި ކަމަށެވެ.

    "ހައްޖު ކޯޕަރޭޝަނުގެ ހުރިހާ އުމްރާވެރިން މިވަގުތު ތިބީ މައްކާގައި. މިހާރު މަދީނާގައި ހިނގައިގެން އުޅޭ ހާދިސާގައި އެއްވެސް ގެއްލުމެއް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންނަކަށް ނުލިބޭ،" ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވިއެވެ.

    ބޮން ގޮއްވާލާފައި ވަނީ މަސްޖިދުލް ނަބަވީ ކައިރީގައި އޮންނަ ޖަންނަތުލް ބާޤީ ޤަބުރުސްތާނުގެ ކައިރީގައެވެ. މި ޤަބުރުސްތާނަކީ ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމާގެ ކިރުމައިކަމަނާ ހަލީމަތުގެފާނާއި، ޚަދީޖަތުގެފާނުން ފިޔަވައި ކީރިތި ރަސޫލާގެ ހުރިހާ އަނބިކަނބަލުންނާއި، ކީރިތި ރަސޫލާގެ ދަރިކަލުން އިބްރާހީމާއި ދަރިދަރިކަނބަލުން ރުޤިއްޔާ، އުއްމު ކުލްސޫމް، ޒައިނަބު އަދި ފާތިމަތުގެފާނު ފަސްދާނުލާފައިވާ ޤަބުރުސްތާނެވެ. މީގެ އިތުރުން ޚަލީފާ އުސްމާން ބިން އައްފާން ވެސް ފަސްދާނުލާފައި ވަނީ ޖަންނަތުލް ބާޤީ ޤަބުރުސްތާނުގައެވެ.

    ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަސްދާނުލާފައި ވަނީ މަސްޖިދުލް ނަބަވީގައެވެ.

    00:40

    މަސްޖިދުލް ނަބަވީ ކައިރީގައި ހަމަލާއެއް ދީފައި ވީ ނަމަވެސް، އެ މިސްކިތުގެ ތެރޭގެ އާންމު ހާލަތު ރަނގަޅު ކަމަށް ނޫސްތަކުން ރިޕޯޓު ކުރޭ.

    00:39

    މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މަދީނާގައި ބޮމެއް ގޮއްވާލި ސަރަހައްދުގައި މީހެއްގެ ހަށިގަނޑުގެ ބައިބައި ވިއްސައިގެން ގޮސް މަގުމަތީގައި ހުރި. ބެލެވޭ ގޮތުގައި މިއީ ބޮން ގޮއްވާލި މީހާ.

    00:27

    ސައުދީ އަރަބިއްޔާގައި ދިން ތިން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައި ނުވޭ. ނަމަވެސް މިދިޔަ ދުވަސްތަކުގައި އައިއެސް ޖަމާއަތުން ވަނީ ބަންގްލަދޭޝް، ތުރުކީ އަދި އެމެރިކާ ފަދަ ގައުމުތަކުގައި ހަމަލާތަކެއް ދީ، ގިނަ އަދަދެއްގެ އާންމުން މަރާލާފައި.

    00:27

    މަދީނާގައި ބޮމުގެ ހަމަލާއެއް ދީފައި ވަނީ މަޣްރިބް ނަމާދު ވަގުތާ ދިމާކޮށް. ބައެއް މީހުން ބުނި ގޮތުގައި އެ ގޮވުމާ އެކު ބިންގަނޑަށް ވަރަށް ބޮޑަށް ގުޑުން އެރި.

    މަސްޖިދުއް ނަބަވީ ކައިރީގައި ދިން ބޮމުގެ ހަމަލާގެ ވީޑިއޯ: މަސްދަރު ސައުދީ ގެޒެޓް

    00:19

    މަދީނާގައި ދިން ހަމަލާއަކީ 24 ގަޑިއިރު ތެރޭގައި ސައުދީ އަރަބިއްޔާގައި ދިން ތިންވަނަ ހަމަލާ. މަދީނާގައި ހަމަލާއެއް ދިނުމުގެ ކުރިން ޖިއްދާއާއި ޤާތިފް ސިޓީގައި ވެސް ވަނީ ބޮން ގޮއްވާފައި.

    00:18

    ސީއެންއެން އެރެބްއިން ރިޕޯޓު ކުރާ ގޮތުގައި، މަދީނާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރާ. އޭގެ ތެރޭގައި އުމްރާއަށް ގޮސް ތިބި ހަތަރު މީހަކު ވެސް ހިމެނޭ.

    މަސްޖިދުއް ނަބަވީ ކައިރީގައި ދިން ބޮމުގެ ހަމަލާގެ ވީޑިއޯ: މަސްދަރު ސައުދީ ގެޒެޓް

    00:10

    ޖިއްދާގެ އިތުރުން، ސައުދީ އަރަބިއްޔާގެ އިރުމަތީގެ ޤާތިފް ސިޓީގައި ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވޭ. ޤާތިފްއަކީ ޝީޢީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއެއް. އެ ސިޓީގެ މިސްކިތެއްގެ ކައިރީގައި ދިން ބޮމުގެ ހަމަލާގައި މަރުވީ ބޮން ގޮއްވާލި މީހާ އެކަނި ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައިވޭ.

    00:07

    މަދީނާގައި ބޮމެއް ގޮއްވާލި އިރު، ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓުގެ ބޭރުގައި ވެސް މިރޭ ވަނީ ބޮމެއް ގޮއްވާލާފައި. މި ހަމަލާ ދިން މީހާ މަރުވި އިރު، އޭނާ ހުއްޓުވުމަށް އެވަގުތު މަސައްކަތް ކުރި ދެ ސެކިއުރިޓީ އޮފިޝަލުންނަށް ވަނީ ޒަޚަމްތަކެއް ލިބިފައި.

    މަދީނާގައި ދިން ބޮމުގެ ހަމަލާ -- ފޮޓޯ/ ޓްވިޓާ
    23:48

    ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ކައިރީގައި މިރޭ ދިން ބޮމުގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވޭ. މިނިސްޓްރީން މި ދަނީ މި ހާދިސާ ވަރަށް ގާތުން ބަލަމުން، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެފައި ނުވޭ.

    23:47

    "ހައްޖު ކޯޕަރޭޝަނުގެ ހުރިހާ އުމްރާވެރިން މިވަގުތު ތިބީ މައްކާގައި. މިހާރު މަދީނާގައި ހިނގައިގެން އުޅޭ ހާދިސާގައި އެއްވެސް ގެއްލުމެއް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންނަކަށް ނުލިބޭ،"

    މަދީނާގައި ދިން ބޮމުގެ ހަމަލާ -- ފޮޓޯ/ ޓްވިޓާ