ވިލިމާލޭ ވަލުތެރޭގައި ކޯސްޓް ދަޅަކަށް ލައި އެއްލާލައިފައި އޮއްވައި ރޭ ފެނުނު ތުއްތު ކުއްޖާއަކީ ހަ މަހުގައި އެބޯޓް ކޮށްލާފައިވާ ކުއްޖެއް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރޭގެ އިރާކޮޅު ގާތްގަނޑަކަށް 8:30ގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ އެކު ފުލުހުން ވިލިމާލެ ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތުއްތު ކުއްޖާ ބެލުމަށް ފަހު އައިޖީއެމްއެޗަށް ހޯދުނު ހޯދުންތައް ހިއްސާ ކުރައްވަމުން އެ ހޮސްޕިޓަލުގެ މީޑިޔާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ ކުއްޖާއަކީ ބަނޑަށް ހަ މަހުގައި ވައްޓާލައި އެއްލާލާފައި އޮތް ކުއްޖެއް ކަމަށާއި އެކުއްޖާ އެއްލައިލާފައި ވަނީ ކޮން އިރަކުކަން ބުނަން ދަތި ކަމަށެވެ.

"ގާތްގަނޑަކަށް 26-23 ހަފުތާގެ ކުއްޖެއް އެއީ. ގާތްގަނޑަކަށް ހަ މަސް އެހެންވީމާ އެވީ. އެހެންވެ ބުނަން ވަރަށް ދަތި ކޮންއިރަކު ކަން ސީދާ އެއްލާލައިފައި އޮތީ،" ޒީނަތު ވިދާޅުވި އެވެ.

އެ ކުއްޖާ ވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ވަޅުލައިފަ އެވެ.

ތުއްތު ކުއްޖަކު އެއްލާލައިފައިވާ މައްސަލައިގާ ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލައިގާ އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

"މައްސަލަ މި އަންނަނީ ތަހުގީގުކުރަމުން. އަދި މީހެއް ހައްޔަރެއް ނުކުރޭ." ޝިޔާމް ވިދާޅުވި އެވެ.
މަރާލާފައިވާ އޮތް ތުއްތު ކުއްޖަކު ރޭ ވިލިމާލެއިން ފެނުނީ މީގެ ދެ ހަފްތާ ކުރިން މަރާލާފައި އޮތް ކުޑަ އަންހެން ކުއްޖަކު ޓްރެކް ސަރަހައްދުން ފެނިފައި ވަނިކޮށެވެ.