04 Jul 2016, 22:42
ރޯދަމަހާ ދިމާކޮށް މޯލްޑިވްސް ސޮކާ މޭޓުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓުން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމް ވެސް 1-1ގެ ނަތީޖާ އަކުން އެއްވަރު ވެފައިވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާގެ މައްޗަށް ނިއު ކުރި ހޯދީ 3-5 ގެނަތީޖާ އަކުންނެވެ.

ވެޓެރަންސް ކަޕްގެ ފައިނަލްގައި ނިއު އާއި ވެލެންސިއާ މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މެޗު ފެށިގެން ވެލެންސިއާ އިން ރަނގަޅަށް ކުޅުމުން ދިޔައިރު ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި އެ ޓީމްގެ އިސްމާއިލް އަނިލް ވަނީ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ.
ވެލެންސިއާގެ ގޯލަށް ފަހު ވެސް އެޓީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް މައްސަލަތަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ އެއް ނަމްބަރު ކީޕަރަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ. އެ ހިސާބުން ވެލެންސިއާ އިން ފަހަތަށް ޖެހި ޑިފެންސް ކުރަމުން ދިޔަ އިރު މެޗުގެ 30 ވަނަ މިނެޓްގައި ނިއުގެ އަލީ ޝަމީމް (ކޮޔަރު) އައްޔަ ވަނީ ގޯލެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ވެޓެރަންސް ކަޕްގެ ރަނަރަޕަށް ހޮވުނު ވެލެންސިއާ އަށް ހަނދާނީ ފިލާ ޝަރަފުވެރި މެހްމާން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ފުރަތަމަ ހާފް ދެ ޓީމް އެއްވަރެއްގައި އޮވެ ނިމުނު އިރު ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއެ ލިބި ބޭކާރު ވެގެން ގޮސްފައެވެ.
ޕެނަލްޓީގައި ނިއުގެ ހަތަރު ހަތަރު ޕެނަލްޓީ ވެސް ކާމިޔާބް ކުރިއިރު އެ ޕެނަލްޓީތައް ޖެހީ ކޮޔަރު އައްޔަ އާއި އަޝްރަފް ލުތުފީ (ސަމްޕަތު) އާއި އަހުމަދު ނިޔާޒް އަދި ކުރީގެ ގައުމީ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ.
ވެލެންސިއާގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އަނިލް އާއި އިސްމާއީލް މުހައްމަދު ޖެހި ޕެނަލްޓީ އެވެ. ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޣަނީ އާއި މުހައްމަދު ޖަމީލް ޖެހި ޕެނަލްޓީ އިސްހާގް އީސާ ވަނީ މަތަ ކޮށްފައެވެ.

ވެޓެރަންސް ކަޕްގެ ފައިނަލްގައި ނިއު އާއި ވެލެންސިއާ މިއަދު ބައްދަލު ކުރި މެޗަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ޖުމްލަ ހަތް ޓީމު ވާދަކުރި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި އަދި ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ކޮޔަރު އައްޔަ އެވެ. 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިކްޓަރީގެ ފޯވަޑް އަބުދުﷲ މުފީދެވެ. 35 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވެލެންސިއާގެ އިސްމާއީލް މުހައްމަދާއި ކީޕަރު ހުސައިން ހަބީބާއި މާޒިޔާގެ މުހައްމަދު އަރީފާއި ބީޖީގެ އާދަމް ލަރީފް އާއި އަހުމަދު ފިރާޒް މޫސާ އެވެ.
މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މާޒިޔާގެ ކީޕަރު މުހައްމަދު ޝިނާން (ނާނި) އާއި ވެލެންސިއާގެ ޑިފެންޑަރު ޔޫސުފް އަޒީމް އާއި މިޑްފީލްޑަރު ސަމްޕަތެވެ. އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ ނިއުގެ ކޮޔަރު އައްޔަ އެވެ.
ފެއާޕްލޭ ޓީމަކީ ވެލެންސިއާ އެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ ކޯޗު މުހައްމަދު ޝާހިދެވެ.