ގަވާއިދާ ޚިލާފު މަންޒަރު ބްރޯޑްކާސްޓު ނުކުރުމަށް އަންގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް އަށް އިންޒާރުދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެފަދަ އިންޒާރެއް ދީފައި ވަނީ ދިއެފްއެމްއާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއް ސާބިތުވުމުންނެވެ.

އެ ކޮމިޝަނުން ނިންމި ހަތަރު މައްސަލައިގެ ތެރެއިން ދެ މައްސަލައެއްގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަނެއް ދެ މައްސަލާގައި ވަނީ އިންޒާރުދީފައެވެ.

ނަސޭހަތްދިން ފުރަތަމަ މައްސަލަ އަކީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ހަވީރު ދިއެފްއެމް ޕްލަސް އިން ބްރޯޑްކާސްޓު ކުރި ހިންދީލަވައެއްގައި އަންހެނެއްގެ މޭމަތީގެ އެއްބައި ފެންނަ މަންޒަރު ދައްކާފައިވާ މައްސަލައެވެ.

ނަސޭހަތްދިން ދެވަނަ މައްސަލާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ދިއެފްއެމް ޕްލަސް އިން ބްރޯޑްކާސްޓު ކުރި ހިންދީލަވައެއްގައި އަންހެނެއްގެ މޭމަތީގެ ބައެއް ފެންނަ މަންޒަރު ދައްކާފައިވާ ކަމަށެވެ. އެއީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ ހަތަރު ވަނަ ނަންބަރާ ޚިލާފު ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެފަދަ މަންޒަރު ހިމެނޭ ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް، ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކޮންޓެންޓު ގިންތިކޮށް ދަރަޖަކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ދިއެފްއެމް ޕްލަސް އަށް އިންޒާރުދިން ފުރަތަމަ މައްސަލާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު އަންހެނަކާއި ފިރިހެނަކު ކިސްކުރާ މަންޒަރު އެ ޗެނަލުން ދައްކާފައިވާކަމަށެވެ. އިންޒާރުދިން ދެވަނަ މައްސަލާގައި ވަނީ ހަމަ އެދުވަހުގެ މެންދުރު އެޗެނަލުން އަންހެނަކާއި ފިރިހެނަކު ކިސްކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ބްރޯޑްކާސްޓު ކޮށްފައިވާކަމަށެވެ.

އިންޒާރުދިން ދެ މައްސަލާގައި ވެސް ބުނެފައި ވަނީ އެފަދަ މަންޒަރު ބްރޯޑްކާސްޓު ކުރުމަކީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ ތިން ވަނަ ނަންބަރާ ޚިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން އެ ދެ މައްސަލާގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް އަށް އަންގާފައި ވަނީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގެ ދަށުން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އެ ބަޔާން އަންނަ އަންގާރަ ދުވަހުގެ ކުރިން ރޭގަނޑު 8:00 އިން 8:30އާ ދެމެދު ދިއެފްއެމް ޕްލަސް އިން އާންމު ކުރުމަށެވެ.