ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތުރީލައިން ވިޕާ ޚިލާފަށް ބިލަށް ވޯޓު ދިން ސަބަބު ބަޔާންކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް އެހެން ވިދާޅުވެފައި މި ވަނީ، އިއުލާން ނުކޮށް ރަށްތައް ދޫކުރުމަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައި، ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމުން އެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވަނިކޮށެވެ.

ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތްރީލައިންވިޕާ ދެކޮޅަށް އަމަލުކުރި ސަބަބު ބަޔާންކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމް ސަރުކާރުގެ ގަވައިދުގެ ރޫހާ ހިލާފުނުވާނެ ގޮތަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ޕާޓީގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ފާރިސް އަށް ފިޔަވަޅު އަޅައިދިނުމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުއްވި ސިޓީއަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޖަވާބުދެއްވާ ފައެވެ.

ނިހާން އަށް ފޮނުއްވެވި އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް މީގެ ކުރިން ވޯޓު ދެއްވާފައިވާ މެމްބަރުންނާމެދު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި ވަކި މެމްބަރަކާމެފު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަކީ "އިންސާފުގެ ހަމަތަކާ ހިލާފަށް" ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، ފާރިސް އަމަލުކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސްގެ އެންގެވި ގޮތަށް ކަމަށްވާތީ ތުރީލައިން ވިޕާ އޭނާ ހިލާފުވިޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ.

ފާރިސާމެދު ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމެޓީއަށް ނިހާން ހުށަހެޅި ސިޓީގައި ހަވާލާދެއްވާފައިވާ ޕީޖީ ގްރޫޕުގެ ހިންގާ ގަވާއިދަކީ ޕާޓީގެ ޕާޓީގެ ގައުމީ ޖަލްސާއިން ވެސް އަދި ކައުންސިލުން ވެސް ފާސްކޮށްފައިވާ ގަވާއިދެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.