21 May 2011, 12:12
ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ގަވާއިދަކުން ހަނި ނުކުރެވޭނެ ކަމަށް ބުނެ "އެއްވެ އުޅުމުގެ ގަވާއިދު"ގެ ބޮޑު ބައެއް ބާތިލް ކުރުމަށް ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މީގެ ކުރިން ވެސް ގިނަ ދުސްތޫރީ މައްސަލަތަކެއް ކޯޓަށް ވައްދާފައިވާ ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރު ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިއްބައިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހަނި ކުރެވޭނީ ނުވަތަ ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ އިރު ގަވާއިދަކުން އެފަދަ ހައްގެއް ނުހިފެހެއްޓޭނެ ކަމަށް އެ މައްސަލައިގައި އޭނާ ބުނެފައިވެ އެވެ.
"އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނަކުން ކަމަށް ލިޔުމުގެ ބަދަލުގައި އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި އޮތުމުން، ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދެއްގެ ދަށުން އަސާސީ ހައްގެއް ނުހިފެހެއްޓޭނެ ކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ގަބޫލު ކުރި މައްސަލައިގައި އިލެކްޝަންސްގެ މައްޗަށް ވެސް ދައުވާ ކުރި މޫސަގެ ދައުވާގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ ގަވާއިދުގައި ގާނޫނު އަސާސީއާ ތައާރަޒްވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން "ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި" އެއްވެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް، އެއްވެ އުޅުމުގެ ގަވާއިދުގައި އެއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ލާޒިމްކޮށްފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
މޫސަ އެދިފައި ވަނީ އެއްވެ އުޅުމުގެ ގަވާއިދުގެ ތިން ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާ އާއި އަށް ވަނަ މާއްދާ އާއި ނުވަ ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި 3 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ، 6 ވަނަ މާއްދާ، 7 ވަނަ މާއްދާ، 8 ވަނަ މާއްދާ، 9 ވަނަ މާއްދާ، 10 ވަނަ މާއްދާގެ ހަތް ވަނަ އަކުރާއި އަށް ވަނަ އަކުރާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގެ ދެ ވަނަ އަކުރާއި އަދި ޖަދުވަލު ޖަދުވަލު އެކެއް ބާތިލް ކުރުމަށެވެ.
މީގެ އިތުރުން މޫސާ އަންވަރުގެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީއާ ތައާރަޒްވާ ނުވަތަ ހިލާފްވާ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް އެ ބާތިލްވާ މިންވަރެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.