04 Jul 2016, 15:59
ފެމުނު މިޔަރު ނުވަތަ ގްރޭޓް ވައިޓް ޝާކެއް ނިދާފައި އޮތް މަންޒަރު ފުރަތަމަ ފަހަރަށް ކެމެރާއަކަށް ރިކޯޑުކޮށް، އެމިޔަރު ނިދާ ގޮތް ހޯދާފައިވާ ކަމަށް ސައިންސުވެރިން ބުނެފި އެވެ.
'އެމާ'ގެ ނަން ދީފައިވާ އަންހެން ފެމުނު މިޔަރެއްގެ އެ ވީޑިއޯ ޑިސްކަވަރީ ޗެނަލް އިން ނަގާފައި ވަނީ މެކްސިކޯގެ ބާހާ ޕެނިންސުލާ ކައިރިންނެވެ. ހައި ޓެކް ރޮބޮޓިކްސް އާއި ކަނޑު އަޑީގެ ކެމެރާތައް ބޭނުންކޮށްގެން ނަގާފައިވާ ވީޑިއޯއިން ފެނިގެން ދަނީ އިރު އޮއްސެމުން ދިޔަ ވަރަކަށް މިޔަރުގެ އުޅުން ބަދަލުވާ މަންޒަރެވެ.
ދުވާލު ގަޑީގައި ފުން ކަނޑުގައި ދިރިއުޅޭ މިޔަރު ރޭގަނޑުވުމުން އައްސޭރިފަށާ ގާތަށް ޖެހެ އެވެ. އަދި ވީޑިއޯއިން ފެނިގެން ދަނީ ވަކި ހިސާބަކުން މިޔަރުގެ އަނގަ ހުޅުވި ފެތުމުގެ ސްޕީޑް ވަރަށް ބޮޑަށް ދަށްވާ މަންޒަރެވެ. އޭރު އެމާ ދިޔައީ ގަޑިއަކު ތިން ކިލޯމީޓަރު ބާރު މިނުގައި ދައުރުވާ އޮއިގަނޑެއްގެ ތެރެއިންނެވެ.
ސައިންސުވެރިން ބުނާ ގޮތުގައި އޮއިގަނޑު ތެރެއިން، އަނގަ ހުޅުވައިގެން އޮއިގަނޑު ތެރެއަށް ފެތުމުން މިޔަރުގެ ކަރުތާފަތްގަނޑު މަތިން އޮކްސިޖެން ގިނަ އަދަދަކަށް އެކުލެވިގެންވާ ފެން ދައުރު ކުރެ އެވެ. އޭގެ ސަބަބުން މިޔަރުގެ ސްޕީޑް ދަށް ކުރުމަށާއި ހަކަތަ ރައްކާ ކުރުމަށް ފުރުސަތު ލިބެ އެވެ.
ނަމަވެސް، ފެމުނު މިޔަރު އެއްކޮށް ހަރަކާތް ކުރުން ހުއްޓާލައިފި ނަމަ އޭގެ ކަރުތާފަތްގަނޑުން ފެން ދައުރު ކުރުން ހުއްޓޭނެ އެވެ. ނަތީޖާއެއްގެ ގޮތުން މިޔަރު އަޑިއަށް ގޮސް ނޭވާ ނުލެވިގެން މަރުވާނެ އެވެ.
ޑިސްކަވަރީ އިން އެވީޑިއޯ ނަގާފައިވާ ސަރަހައްދުން މިދިޔަ އަހަރު ބައޮލޮޖިސްޓަކު ވަނީ މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ބޮޑު ފެމުނު މިޔަރުގެ ވީޑިއޯއެއް ނަގާފަ އެވެ. އެމިޔަރުގެ ދިގު މިނުގައި 20 ފޫޓު ހުންނާނެ ކަމަށް ސައިންސުވެރިން ލަފާ ކުރެ އެވެ. (އިންޑިޕެންޑެންޓް)