ގަވާއިދާ ހިލާފަށް ހިންގާ އޮންލައިން ނޫހެއް ކަމަށް ބުނެ ބްލޮކްކޮށްލި އައްޑޫލައިވް ނޫސް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފި އެވެ.

އައްޑޫލައިވްގެ މަސްއޫލުވެރިޔާ މުހައްމަދު ޝަރަފުއްދީނު މިއަދު "ސަން"އަށް ބުނީ އައްޑޫލައިވް ނޫސް ހޯމް މިނިސްޓްރީން ބްލޮކް ކޮށްލާފައި ވަނީ އެ ނޫހަކީ އެ މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ހިންގާ ނޫހެއް ކަމަށް ބުނެ ކަމަށެވެ. އެހެންކަމުން މިއަދު އައްޑޫލައިވް ނޫސް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އަދި ރަޖިސްޓްރީ ކުރި ކަމުގެ ލިޔުން ވެސް މިއަދު ލިބިފައިވާ ކަމަށް ޝަރަފުއްދީނު ބުންޏެވެ.

އައްޑޫލައިވް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ލިޔުން: ފޮޓޯ/ ޝަރަފުއްދީން

"ދެން އޮތީ އަންބްލޮކް ކުރުމުގެ ކަންތައް. އަހަރެމެން މިއަދު ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް. ގުޅީމަ އެތަނުން ބުނީ، ހޯމް މިނިސްޓްރީން ތިމަންނާ މެނަށް އަންގާނޭ. އެންގީމަ އަންބްލޮކް ކޮށްދޭނަމޭ. ދެން މިއަދު ވަގުތު ކުޑަތަންވެފައި އޮތީމަ އަންބްލޮކް ކުރުމުގެ ކަންތަކާއި ގުޅިގެން ހޯމް މިނިސްޓްރީއަށް ސިޓީއެއް ނުފޮނުވުން. އިރާދަކުރެއްވިއްޔާ މާދަމާ އެކަމާ ވެސް އުޅޭނަން." ޝަރަފުއްދީނު ވިދާޅުވި އެވެ.

އައްޑޫ ލައިވްއަކީ 2013 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް ނެރެމުން އަންނަ ނޫހެކެވެ.

އައްޑޫގެ ހަބަރުތައް ގެނެސްދިނުމަށް ހާއްސަކޮށް މަސައްކަތް ކުރަމުން އައި އައްޑޫލައިވް ނޫސް ފަހުން ގޮސްފައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކަންތައްތަކާ ގުޅޭ ގޮތުން ތަފާތު އާޓިކަލްތައް ގެނެސްދިން ނޫހަކަށެވެ.