ރަށު ކައުންސިލުން ފާސްކުރި ގަރާރެއްގެ ސަބަބުން ބ. ތުޅާދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ އެ ރަށުގައި މުޒާހަރާ ކުރަމުންދާ މީހުން، ރަށުގެ ބަނދަރުމަތީގައި ޓެންޓް އަޅައި ކެއުމާއި ނިދުން ވެސް އެ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
http://www.youtube.com/watch?v=4oVXC2eeCKE&feature=player_embedded

މުޒާހަރާގެ މައިދާނަށް އެ މީހުން ދިރިއުޅުން ބަދަލުކޮށްފައިވާއިރު ތުޅާދޫގައި މުޒާހަރާތައް ހުއްޓައި ނުލާ ކުރިޔަށް ގެންދާ މިއީ ތިން ވަނަ ދުވަހެވެ. މީގެ ކުރިން ވެސް އައީ މުޒާހަރާތައް އެކިފަހަރުމަތިން ކުރަމުންނެވެ. ކުރިން ކުރަމުން އައި މުޒާހަރާތައް ރޫޅާލައި އެ ރަށުން އަށް މީހަކު ފުލުހުން މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
" އަޅުގަނޑުމެން މިހާރު މިއުޅެނީ ބަނދަރާ ކައިރީގައި އޮތް ހުސް ބިމެއްގައި ޓެންޓް ޖަހައިގެން، ކައިބޮއި ނިދާ މިހަދަނީ މިތަނުގައި،" ބަނދަރުގެ މަސައްކަތް އަލުން ފެށުމުގެ ކުރިން މުޒާހަރާ ހުއްޓައެއް ނުލާނަން،" މުޒާހަރާގެ ބައިވެރިއަކު މިއަދު ބުންޏެވެ.

ތުޅާދޫގެ މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާގެ މައިދާނުގައި މިހާރު ތިބީ ފިރިހެނުން ކަމަށާއި އެ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމުތައް ވެސް އެ މައިދާނަށް ބަދަލުކޮށްފައިވާތީ މުޒާހަރާގައި ބައިވެރިވާ އަންހެންވެރިން ގާއިމުވެ ތިބީ ކެއްކުމުގެ މަސައްކަތުގައި ކަމަށެވެ.

ތުޅާދޫ ރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީއަށް ނިސްބަތްވާ ހަމަ އެކަނި މެމްބަރު އަދި އެ ކައުންސިލްގެ ހަމަ އެކަނި އަންހެން މެމްބަރު އުމައިރާ އަބޫބަކުރު ވިދާޅުވީ ބަނދަރު ހަދަން ސަރުކާރުން އެކުލަވައިލި ޕްލޭނަށް ހުރަސް އަޅަމުން ދަނީ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ކައުންސިލަރުން ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނަށް ތާއީދުކޮށްގެން ތިބީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ތުޅާދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ މުޒާހަރާ ކުރުމުންދާ މީހުންނަށް އިޖާބަ ދިނުމުގެ ގޮތުން ރަށު ކައުންސިލުން އިތުރު ގަރާރެއް ވެސް ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކުރާ އިރު ރަށުގެ އިރުމައްޗަށް ވެސް 25 ފޫޓް ބޮޑުކުރުމަށް ފާސްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ފާސްކުރީމަ މިހާރު ބުނަމުން އެ ދަނީ ކުރިން އޮތް ބަނދަރުގެ ހުޅަނގު ކޮޅުގައި 50 ފޫޓްގެ ތޮށިގަނޑެއް ލައި ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އުމައިރާ ވިދާޅުވީ ރަށު ކައުންސިލުން ބަނދަރުގެ މައްސަލައިގާ މިހާތަނަށް ތިން ގަރާރު ފާސްކުރި އިރުވެސް ފާސްކޮށްފައި ވަނީ އެއް ނަތީޖާއެއް ނުކުންނަ ގޮތަށް ކަމަށެވެ.