ސީރިއަސް މައްސަލަތަކާ ގުޅިގެން ކަމަށް ބުނެ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން ބާތިލްކޮށްފި އެވެ.

ޝަކުވާތަކަކާ ގުޅިގެން ޖުލައި މަހުގެ 30 ވަނަ ދުވަހު ސަސްޕެންޑު ކުރީ ޕްލޭނިން އެންޑް މޮނިޓަރިންގެ ޑިރެކްޓަރު ޖެނެރަލް ޝައްމޫން އާދަމާއި ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފެވެ.

އެލްޖީއޭގެ ނާއިބު ރައީސް މޫސާ ނަސީރު އަހުމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ޖޫން 29 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު މީޓިންގައި، އެލްޖީއޭގެ ޗީފު އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުރި ފާރޫގް މުހައްމަދު ހަސަން އެ މަގާމުން ވަކި ކުރަން ނިންމި ކަމަށާއި، ނަމަވެސް ޝައްމޫން އަދި ޝަރީފް ސަސްޕެންޑު ކުރަން އެލްޖީއޭ އިން ނިންމާފައި ނުވާނެ ކަމަށެވެ.

"މިވަގުތު އެލްޖީއޭއާ ހަވާލުވެ މި ހުރީ އަޅުގަނޑު. އަޅުގަނޑަށް އެއްވެސް އެންގުމަކާ ނުލައި ހިނގާފައި އޮތް ކަމެއް މިއީ. އަޅުގަނޑަށް ވެސް އެނގުނީ ހަބަރުގައި ޖެއްސެވީމާ. އެއީ ހަގީގަތާ ހިލާފަށް ދެއްވާފައިވާ ބަޔާނެއް. އެލްޖީއޭގެ ބޯޑުން ނިންމާފަ އެއް ނޯންނާނެ އެއްވެސް ބަޔަކު ސަސްޕެންޑު ކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ދެ ޑިރެކްޓަރުން ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ފާރޫގު އަމިއްލައަށް ނިންމެވި ނިންމުމެއް ކަމަށާއި، އެ ނިންމުން ނިންމިއިރު ފާރޫގު ހުންނެވީ އެލްޖީއޭގެ ސީއީއޯ ކަމުގެ މަގާމުން ވަކިކޮށްފައި ކަމަށެވެ.

ދެ ޑިރެކްޓަރުން ސަސްޕެންޑު ކުރި ކަމަށް ބުނެ މީޑިއާ އަށް ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ފާރޫގު މަގާމުން ވަކި ކުރުމާ ގުޅިގެން ރުޅި އައިސްގެން ޒާތީ ގޮތުން ދެއްވާފައި އޮތް ހަބަރެއް ކަމަށް. އެލްޖީއޭގެ ނިންމުމެއް ނޫން ކަމަށް ވާތީ އެ ނިންމުން ބާތިލް ކުރީ،" ނަސީރު ވިދާޅުވި އެވެ.

އެލްޖީއޭގެ އޮފިޝަލަކު މީގެ ކުރިން ސަން އަށް ވިދާޅުވެފައި ވަނީ ޝައްމޫން އަދި ޝަރީފް ސަސްޕެންޑު ކުރުމަށް ނިންމީ އެލްޖީއޭ އަށް ހުށަހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. ޝަކުވާތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާއި އަމިއްލަ ވަޒީފާގެ ކުރިއެރުން ހޯދުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ނަސީރު ވިދާޅުވީ އެއީ ކުރިން ވެސް ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށާއި، އެ މައްސަލަތައް ބަލާފައިވާ ކަމަށެވެ. ކުރީގެ އޮޑިޓް ރިޕޯޓުތަކުން އެެކަންކަމުގައި މައްސަލައެއް ނެތް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެއްވެސް ކަހަލަ ޝަކުވާއެއް ނުވަތަ މައްސަލައެއް އުޅޭނަމަ އެކަން ބަލާނެ ކަމަށާއި އެގޮތުން އެލްޖީއޭގެ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.