04 Jul 2016, 12:46
މައްކާ/މަދީނާ (ޖުލައި 4): މިއަހަރުގެ ރޯދަ މަހު ގުރުއާން ހަތިމް ކުރަން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަސްޖިދުލް ހަރަމަށާއި މަސްޖިދުލް ނަބަވީއަށް ގޮސްފައިވާ ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އިން ބުނެފި އެވެ.
މަސްޖިދުލް ހަރަމްގައި އިމާމުވެ ނަމާދު ކުރައްވަނީ ޝޭހް އަބްދުއްރަހުމާން އައް ސުދައިސް އެވެ. މަސްޖިދުލް ހަރަމްގެ ޖަމާއަތުގައި ނަމާދު ކުރުމަށް ޓަކައި މިސްކިތުގެ އެތެރެއިން ފެށިގެން މިސްކިތުގެ ވަށައިގެންވާ މަގުތަކުގައި ސަފުތައް ހަދާފައިވާ ކަމަށް އެސްޕީއޭގައިވެ އެވެ.
އަދި ގިނަ އަދަދެއްގެ އުޅަނދު އިއްޔެ މައްކާއަށް ވަދެފައިވީ ނަމަވެސް ޓްރެފިކް އެކްސިޑެންޓު ފަދަ ހާދިސާއެއް މައްކާގެ މަގުތަކުގައި ހިނގާފައި ނުވާ ކަމަށް އެސްޕީއޭގައިވެ އެވެ.
ރޯދަ މަހާ ދިމާކޮށް މައްކާގެ ފުލުހުން ވަނީ މައްކާއަށް ދެވެން އޮންނަ ހުރިހާ މަގުތަކާއި މައްކާގެ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ.
(އެސްޕީއޭ)