އައްޑޫ ސިޓީގެ ހިތަދޫގައި ހިމާޔަތްކޮށްފައިވާ އީދިގަލި ކިޅި ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ސެންޓަރެއް އެޅުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ވީ އަވާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދޫން އަނީސެވެ. އެންވަޔަރަމަންޓު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބުރާހިމު އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އީދިގަލި ކިޅި ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ސެންޓަރެއް އެޅުމަށް ވީ އަވާ އިންވެސްޓުމަންޓާއި ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 8 މަސް ދުވަހުގެ ތެރޭގައި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ ކުލައިމެޓު ޗޭންޖު އެޑެޕްޓޭޝަން ޕްރޮޖެކްޓު (ސީޕެކް) އިން ފަންޑުކޮށްގެން ހިންގާ މަޝްރޫއުއެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބުރާހިމް ވިދާޅުވީ، މިހާރު ވެސް އީދިގަލި ކިޅި ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ތާރިގު ވިދާޅުވީ އީދިގަލި ކިޅީގައި ހަދާ ސެންޓަރުން އެތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަނުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެތަން ހަދާނީ ވަކި ހާއްސަ ސްޓޭންޑަޑަކަށް ކަމަށެވެ. އެގޮތުން އެތަން ހަދާނީ އިކޯ ޓޫރިޒަމަށް ފެތޭ މެޓީރިއަލުތައް ބޭނުންކޮށްގެން ކަމަށެވެ.

"އައްޑޫ އީދިގަލި ކިޅިއަކީ ވަރަށް ދުވަސްވަންދެން ހިމާޔަތްކޮށްފައި އޮންނަ ތަނެއް. އެކަމަކު އެތަނުން ލިބެން ޖެހޭ މަންފާއާ ފައިދާ ރައްޔިތުންނަށާއި ސަރުކާރަށް ހޯދުމަށް އެ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. އެގޮތުން މިއަދު މި ހަވާލުކުރި ވިޒިޓާސް ސެންޓާ އެޅުމަށް ފަހު ކުރިއަށް އޮތްތާނގައި މިތަން ހިންގާ ބެލެހެއްޓޭނެ ނިޒާމުތައް އެއާ އެއްކޮށް ހަމަޖައްސާ އެތަން ރަނގަޅަށް ބެލެހެއްޓޭނެ އުސޫލެއް ވެސް ހެދިގެން ދާނެ." ތާރިގު ވިދާޅުވި އެވެ.