04 Jul 2016, 11:58
އޮޅުވައިލައިގެން ފަތުރުވެރިއެއްގެ އަތުން ފައިސާ ހޯދަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެ އައި ފަތުރުވެރިއަކަށް އޮޅުވާލައިގެން ރިސޯޓަކަށް ގެންގޮސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ އަތުލަމުން ދިޔަ ދެ ދިވެއްސަކު މި މަހުގެ އެއް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މި ހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ދެ މީހުން ވަނީ ފަތުރުވެރިއަކަށް އޮޅުވާލައިގެން ފައިސާ އަތުލުމުގެ ގޮތުން މާލެއިން އެ ފަތުރުވެރިޔާ އާއި މުޢާމަލާތު ކުރުމުގެ އިތުރުން ހުޅުލެއަށް ގޮސް ހުޅުލެއިން ވެސް ވަނީ ފަތުރުވެރިޔާ އާއި މުއާމަލާތު ކޮށްފައެވެ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާ ތަކެތި ބޭނުންކުރުމުގެ ރެކޯޑާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށެވެ. އަދި ބުނީ އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.