އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ މައްސަލައަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލައަކާ ގުޅިގެން އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

ހިއުމަން ޓްރެފިކިންގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހަކަށް މުޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރާ މީހަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާ މީހެކެވެ. އަދި އެފަދަ ހީތަލްތެރި ރޭވުމަކުން މީހަކު ރާއްޖޭގެ އެއް ސަރަހައްދަކުން އަނެއް ސަރަހައްދަން ގެންދިއުން ވެސް އެއީ ހިއުމަން ޓްރެފިކިންގެ އަމަލެއްގައި ބައިވެރިވުމެވެ.

ހިއުމަން ޓްރެފިކިންގެ އަދަބު ކަނޑައަޅާފައިވާ ބާބުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކު ހިއުމަން ޓްރެފިކްކޮށްފި ނަމަ އެފަދަ މީހެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އަމަލެއް ރޭވުމުގައި ބައިވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހަށް އެ މީހަކު ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އަމިއްލަ އަށް ރާވައިގެން މީހަކު ހިއުމަން ޓްރެފިކިންގައި ގެންގުޅެނިކޮށް އެ މީހަކު މަރުވެއްޖެ ނަމަ އެކަން ކުރި މީހަކު 15 އަހަރަށް ޖަލަށްލެވޭނެ ކަމަށާއި ހިއުމަން ޓްރެފިކް ކުރުމުގައި ހަތިޔާރު ބޭނުންކޮށްފި ނަމަ ވެސް 15 އަހަރަށް ޖަލަށްލެވޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

ހިއުމަން ޓްރެފިކިންގެ އަމަލެއް ކުރީ ގާނޫނު ތަފްޒީފު ކުރާ އިދާރާއެއްގެ މުވައްޒަފެއް ނަމަ އޭނާ ވެސް 15 އަހަށް ޖަލަށްލެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.