21 May 2011, 10:55
ކެރިގެން ނުކުމެ ލީޑާޝިޕް ދެއްކެވުމަށް އިދިކޮޅު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އަށް ވެރިކަން ހިންގާ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ ގޮވައިލައްވައިފި އެވެ.
އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެކްޓިވިސްޓުންގެ ފަހަތުގައި ނުހުންނެވުމަށް ވެސް މާރިޔާ ވަނީ ތަސްމީނަށް ގޮވައިލައްވައިފަ އެވެ. ނޫން ނަމަ އެމްޑީޕީއާއެކީ މަސައްކަޔް ކުރެއްވުމަށް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވެސް މާރިޔާ ތަސްމީނަށް ދައުވަތު ދެއްވި އެވެ.
"އަޅުގަނޑު މި މެސެޖް ރައްދު ކުރަން ބޭނުން ވަނީ އަހްމަދު ތަސްމީން އަލީ އަށް. ކެރިވަޑއިގެން ނިކުމެ ވަޑައިގަންނަވާށޭ ޑީއާރުޕީ ލީޑު ކޮށްދެއްވާށޭ. އެކްޓިވިސްޓުންގެ ފަހަތަށް ވެދެވަޑައިގެން ތިމަންނަގެ ފަހަތުގައި ބަޔަކުނެތޭ ވިދާޅު ވަންޏާ ތިމަކެއް ނުކުރެވޭނެއޭ. އެހެންޏާ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރެއްވުމަށް ނަމަވެސް، އެއްޗެއްގައި ސޮއި އަޅުއްވައި ލައްވަން މި ވަގުތުން މިވަގުތަށް ވެސް ތައްޔާރުވެ ވަޑައިގަންނަވާށޭ،" މާރިޔާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އެމްޑީޕީއާ ގުޅީވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވަމުން މާރިޔާ ވިދާޅުވީ، އަލީ ވަހީދަކީ ކުރިން ވެސް އެމްޑީޕީ އަށް "ހިތްކާފަރުވެފައިވާ" ބޭފުޅެއް ކަމަށެވެ.
"ޕާޓީއެއްގެ މަންމައެއްގެ ގޮތުގައި ހުރެ ވެސް އަޅުގަނޑު ވަރަށް އުފާވޭ. އަޅުގަނޑު އެއްފަރާތަށް ޖެހިލާފައި ޗެއާޕާސަން ކަން ހުޅުވާލާ ވާހަކަ ދެންނެވީމާ އަޅުގަނޑަށް ފެނުނު އަލީ ވަހީދު އަޅުގަނޑާ ވާހަކަފުޅު ދެއްކެވިރު މި ޕާޓީ އަށް އެބޭފުޅާ ހިތް ކާފަރު ވެއްޖެކަން،" މާރިޔާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަނީ އާއްމު އުސޫލުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމު މައުމޫނު އަބްދުލްގައްޔޫމު ހައްޔަރު ކުރުމަށް ގޮވާލައްވައިފަ އެވެ.
މޫސަ ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮށްފައިވާ އަނިޔާތައް މިހާރު ތަހުގީގު ކުރަމުން ގެންދާއިރު ދަންޖެއްސުން ނޫން ހުކުމެއް މައުމޫނަށް ނާއްނާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ލީޑަރު ޑރ. މުހައްމަދު މުނައްވަރަކީ ކުރީގެ ސަރުކާރުން ކުރި އަނިޔާތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޑރ. މުނައްވަރަށް ވާނީ، ވާކެއި އުނބަށްވީ ވަރު. މި ޕާޓީއާ ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ގެންގޮސް ތިމަންނަ އަމިއްލަފުޅަށް 40،000 ދިވެހި ރައްޔިތުންނަށް އަނިޔާކޮށް، މާފަށް އެދުނުކަން ހަނދާނެތިގެންތޯ އަނގަ ތަޅުވަނީ،" ޑރ. މުނައްވަރަށް އިޝާރާތް ކުރައްވައި މޫސާ މަނިކު ވިދާޅުވި އެވެ.