ބޭނުންވާ ތަކެތި:

  • 4 ޖޯޑު ދިޔާ ކިރު
  • 1/4 ޖޯޑު ބާސްމަތީ ހަނޑޫ
  • 6 މޭޒުމަތީ ސަމުސާ ހަކުރު
  • 6 ކާފޫރު ތޮޅި (ހިމުންކޮށްފައި)
  • 20 އާމަންޑު ނަޓްސް (ފެނުކެއްކުމަށް ފަހު ތޮށި މަށައި ކުދިކޮށް ކޮށާފައި)
  • 15 ކެޝޫ ނަޓް (ކުދިކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ހިކި މޭބިސްކަދުރު

ތައްޔާރު ކުރާނެ ގޮތް:

ހަނޑޫ ކޮޅު ދޮވުމަށް ފަހު، 30 މިނެޓު ވަންދެން ފެނުއަޅާފައި ބަހައްޓާށެވެ.

ތެއްޔެއްގައި ކިރު ކައްކާށެވެ. ކެކެން ފެށުމުން އޭގެ ތެރެއަށް ހަނޑޫ ކޮޅު އަޅާށެވެ. ދެން ހާކަމުން ގެންދާށެވެ.

އެއަށް ފަހު ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ހަނޑޫ ކޮޅު މަޑުވެ ރަނގަޅަށް ކެކެންދެން މަޑު ގިނީގައި ކައްކާލާށެވެ.

ދެން އޭގެ ތެރެއަށް ހިމުންކޮށްފައި ހުރި ކާފޫރު ތޮޅި އަދި ކުދިކޮށް ކޮށާފައި ހުރި ކެޝޫ ނަޓާއި އާމަންޑް ނަޓް އަޅައި އެއްކޮށްލާށެވެ.

ހަނޑޫ ކޮޅު އެއްކޮށް ކެކި، ޕުޑިން އަކަށް ވުމުން އުނދުން މަތިން ބާލައި ހިކިމޭބިސްކަދުރު ކޮޅު އަޅާލާށެވެ.