ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަމުން މުހައްމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާދެއްވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ނުތަނަވަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ތޮލާލް ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް ހުރުމުން ކަމަށެވެ.

ރައީސް މައުމޫން އަރިހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.

"އެ ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ރައީސް މައުމޫނަށް ޝުކުރު ދަންނަވަން،" ތޮލާލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާތީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާއި ޕާޓީގެ ނައިބު ރައީސާއި އެހެނިހެން އިސްވެރިންނާއި މެމްބަރުންނަށް ވެސް ތޮލާލް ވަނީ ޝުކުރު ދަންނަވާފަ އެވެ.

ތޮލާލް އިސްތިއުފާދެއްވި މި ދަނޑިވަޅަކީ ޕީޕީއެމް އިސްލާހު ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ރައީސް މައުމޫން ފައްޓަވާފައިވާ ދުވަސްވަރެކެވެ. ޕީޕީއެމް ހަރުދަނާކުރުމަށްޓަކައި ރައީސް މައުމޫން ވަނީ ލަފާދޭ ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ.

ރައީސް މައުމޫން ވަނީ ޕާޓީ އިސްލާހު ކުރުމުގެ ޓައިމްލައިނެއް ވެސް އެކުލަވާލައްވައިފަ އެވެ.