ޔޫރޯގެ ކުއާޓާ ފައިނަލުުގައި އައިސްލެންޑުގެ މައްޗަށް ކުރި ހޯދައި، ފްރާންސުން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގެ ސެމީން ފްރާންސް ޖާގަ ހޯދީ މިރޭ ކުޅުނު ކުއާޓާގެ ފަހު މެޗުގައި 5-2 ލަނޑުން އައިސްލެންޑް އަތުން މޮޅުވެގެންނެވެ.

ފްރާންސްގެ ފަސް ވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު، ޖިރޫ އުފާފާޅުކުރަނީ: ޔޫރޯގެ ކުއާޓާގައި އައިސްލެންޑް އަތުން ފްރާންސް މޮޅުވީ 5-2 ލަނޑުން --- ފޮޓޯ: އޭޕީ

އެ ނަތީޖާއާއެކު އައިސްލެންޑުން ކުރިމަތިލި ފުރަތަމަ ބޮޑު މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، އެ ޓީމުން ވަނީ ޔޫރޯގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ތިން ލައްކައިގެ އާބާދީއެއް އޮންނަ އައިސްލެންޑުގެ ޓީމުން ދެވަނަ ބުރުގައި އިނގިރޭސިން އަތުން ހޯދި ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ފްރާންސުންނެވެ. ނަތީޖާއެއްގެ ގޮތުން ފްރާންސުން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ބްލެއިސް މަޓުއިޑީ ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައިސްލެންޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ފްރާންސުން ވަނީ މެޗުގެ 20 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ފްރާންސަށް ލިބުނު ކޯނަރަކުން އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައިސްލެންޑުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ފްރާންސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު، ގްރީޒްމަން އުފާފާޅުކުރަނީ: ޔޫރޯގެ ކުއާޓާގައި އައިސްލެންޑް އަތުން ފްރާންސް މޮޅުވީ 5-2 ލަނޑުން --- ފޮޓޯ: އޭޕީ

ފްރާންސްގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 42 ވަނަ މިނެޓުގައެވެ. ގްރީޒްމަން ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިމިޓްރީ ޕަޔެޓް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައިސްލެންޑުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވައަތު ފައިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ފްރާންސުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ޖިރޫ ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގްރީޒްމަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އައިސްލެންޑުގެ ކީޕަރު ހަނޭސް ހަލްޑޯސަންގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ލަނޑާއެކު ގްރީޒްމަން މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ހަތަރަކަށް އެރި އިރު، މިހާރު އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ހަތަރު ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ފްރާންސުން ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އައިސްލެންޑުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ގިލްފީ ސިގާޑްސަން ދިން ބޯޅައަކުން އައިސްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮލްބެއިން ސިގްތޯސަން އެވެ. ފްރާންސުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ނުވަ މިނެޓު ފަހުން ފްރާންސުން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ފްރާންސަށް ލިބުނު ހިލޭ ޖެހުމަކުން ޕަޔެޓް ދިން ރީތި ބޯޅައަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖިރޫ އެވެ.

ފްރާންސްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު، ޕަޔެޓް އުފާފާޅުކުރަނީ: ޔޫރޯގެ ކުއާޓާގައި އައިސްލެންޑް އަތުން ފްރާންސް މޮޅުވީ 5-2 ލަނޑުން --- ފޮޓޯ: އޭޕީ

ފްރާންސްގެ ފަސް ވަނަ ލަނޑަށްފަހު އައިސްލެންޑުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ސްވެޔަރުރް އިންގި އިންގެސަން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ޔޯހަން ބާގް ގުޑްމުންޑްސަން ނަގައިދިން ހުރަހަކުން އިންގެސަން ބޮލުން އުފެއްދި ހަމަލާ، ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ގައުމީ ޓީމަށް ކުޅެން ހުއްޓާލުމަށްފަހު، މުބާރާތަށް އައިސްލެންޑް ކޮލިފައިވުމާއެކު އަލުން ގައުމީ ޓީމަށް ކުޅެން ފެށި އެއިޑާ ގުޑްޖޯންސަން ކުޅެން ނުކުތްތާ މާ ގިނައިރުތަކެއް ނުވަނީސް އައިސްލެންޑުން އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރި އެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، އަރީ ސްކޫލަސަން ނަގައިދިން ހުރަހަކުން އައިސްލެންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބިރްކިޔާ ބިޔާނަސަން އެވެ.

ސެމީގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފްރާންސް ނުކުންނަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށެވެ.