21 May 2011, 10:32
ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ރާއްޖެ އައުމާއި ރައީސްގެ އަތް މައްޗަށް ޖަމާވެފައިވާ ބާރުތައް ބައިބައިވެ އެކަތި އަނެ ކެއްޗާ ވަކިވި އެވެ؛ އެއީ މީގެ ދެ ތިން އަހަރު ކުރިން ގެނައި ބަދަލެކެވެ. އެ ބަދަލުތަކާއި އޭރުގެ ސަރުކާރުން އެހާ ގަޔާވިއެކޭ ނުބުނެވޭނެ އެވެ. އޭރާއި މިހާރު ބޮޑުތަނުން ތަފާތަސް ތިރީސް އަހަރުގެ ވެރިކަމަކާ ވަރަށް އެއްގޮތް އަމަލުތަކެއް އެމްޑީޕީގެ ސަރުކާރުން ވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަމީ ސިޔާސީ ބޮޑު ހަގީގަތެކެވެ. ތިން ބާރު ވަކިކުރިއަސް ބާރުތައް ވެރިމީހާގެ އަތަށް ޖަމާކުރުމަށް މި ސަރުކާރުން ޗާޓުގެ ބޭރުން މަސައްކަތްތަކެއް ކުރާ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީސް ޗުއްޓީ އަށް ދާއިރު ފަރުދާގެ އަނެއް ފަރާތުގައި ހިނގަނީ "އަނދިރީގައި" ކުރާ މަސައްކަތްތަކެވެ. ސިޔާސީ އެންމެ މަތީ ފަންތީގެ ކުޅި ވަރެވެ. މުޅިން އާ ބްލެކް މާކެޓެކެވެ. ޑޮލަރުގެ ބްލެކް މާކެޓް އެއީ އަދި އެއްޗަކަށް ނުވެ އެވެ. މަޖިލިސް މެންބަރުންނާއި ގްރާސް ރޫޓް އެކްޓިވިސްޓުންގެ ޓްރާންސްފާ މާފުޅާވެފައި މާ ވަރުގަދަ އެވެ؛ އިދިކޮޅު ޕާޓީން އުފުރާލައިގެން ގެނެސް ވެރިކަންކުރާ އެމްޑީޕީގެ ރީނދޫ ކޭމްޕަށް ގެނައުމަކީ ވަކިބަޔަކަށް ލިބޭ ދިރުމެކެވެ. "ބޫން ބޫން" ލައްވާފައި ރައީސް ނަޝީދަށް "ގަންޖާ ބޯ"އޭ އެއް ދުވަހު ގޮވާއިރު އަނެއް ދުވަހު ރައީސް ނަޝީދަށް ތައުރީފު ކުރަނީ މެކުހަށް ޖަހައިގެން ހުރެ ރީދޫ ޓައީ އާއި ރީދޫ ޕޯޑިއަމްގައި ހުރެ އެވެ.
މަޖިލިސް މެންބަރުންގެ ޓްރާންސްފާ މާކެޓް ފެށުނީ ރެއަކު ނޫނެވެ. ވަރަށް ކުރިން ވަނީ ފެށިފަ އެވެ. ރައީސް ނަޝީދު އަބަދުހެންމެ ތަކުރާރުކޮށް ވިދާޅުވެ އެވެ: "އަޅުގަނޑުމެން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނަމެވެ." ސަބަބެއް ކަމަށް ވިދާޅުވަނީ "އަޅުގަނޑުމެން ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ އަޣުލަބިއްޔަތު މުހިންމު،" ކަމަށެވެ. އެއީ ނަޝީދު ދެކެވަޑައިގަންނަވާ "ހީލަތްތްތެރި" ސިޔާސީ ހުވަފެނެކެވެ. އެ ހުވަފެނުގެ ތައުބީރަކީ ވެރިކަމުގެ އެއްބާރު، ގާނޫނު ހެދުމުގެ ބާރު އެމަނިކުފާނުގެ މުޅި ކޮންޓްރޯލަށް ގެންދިއުމެވެ. ސަރުކާރުން ބޭނުން ގޮތަކަށް ހުރަހެއް ނެތި ބޭނުންކަމެއް ކޮށްލުމެވެ. ފުރަތަމަ އަލްހާން ފަހުމީ އެވެ. ދެން ފެނުނީ ގަބޫލު ކުރަން އުނދަގޫ ވިޔަސް ހަގީގަތެކެވެ. "މީދަލެކޭ" އަލްހާނާ ދިމާއަށް ބުނެ އަޑު އުފުއްލެވި އަލީ ވަހީދު ރީނދޫ ބެކްގްރައުންޑެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނާ އަތާއި އަތް ޖޯޑުކޮށްގެން ރޭ ހުންނެވުމުން ރައީސް ނަޝީދު ރާއްޖެ އޮޓްކްރަސީއާ ދިމާލަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިރުގެ އަލިކަން ފޯރާހެން ހީވެ އެވެ.
އަލީ ވަހީދުގެ ހިތް ބަދަލުކުރުމުގެ އެންމެ އަޑީގައި ވަނީ ސިޔާސީ ޑީލްތަކެއް ކަމަށް ގަބޫލު ކުރެވިދާނެ އެވެ. އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ މެންބަރަކާ އެކު ސިންގަޕޫރަށް ވަޑައިގަތް ނިހާން ވަނީ މަޖިލިސް މެންބަރުންގެ ޓްރާންސްފާ މާކެޓުގެ ފަރުދާ ކަހާލައި އެ ފަރުދާ "ކަސްފުކުރައްވައިފަ" އެވެ.
"ފައިސާ ހޯއްދަވާތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އަޅުގަނޑު ގޮވާލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް، މިފަދަ ފަރާތްތަކަށް ކޮންފަދަ ބޮޑު ހިތްވަރެއްތޯއޭ ދެއްވައިގެން މި ދަނީ. އަދި މިބޭފުޅުންގެ އެކައުންޓް ތަކާއި މި ބޭފުޅުންގެ ތިމާގެ ބޭބޭފުޅުންގެ އެކައުންޓްތަކާއި މިބޭފުޅުންގެ މިލްކިއްޔާތުތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި ޖަމާވާނެ ހުރިހާ ފައިސާއެއް ގާތުން ނޯޓްކޮށް ބެލުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވައިލަން،"
ނިހާނުގެ ވާހަކަތަކުން މައްސަލައިގެ ނުރައްކާތެރިކަން ހާމަވުމުން، މަގު ގެއްލިފައި އޮތް އޮޕޮޒިޝަނުންގެ ތެރެއިން ވަނީ ތެޅި ފޮޅި ގަނެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވައްދައިފަ އެވެ.
އަލީ ވަހީދު ފަދަ ޒުވާން ސިޔާސަ ބޭފުޅަކު ކަންކަން އެގޮތަށް ކުރެއްވުމަކީ އެމަނިކުފާނާ އެންމެ ކައިރިން މަސައްކަތް ކުރެއްވި މެންބަރުން ވެސް ޝައްކުއުފައްދާ ކަމެކެވެ. ޝައްކު ނުއުފައްދާންވީ ސަބަބެއް ވެސް ނެތެވެ. ދުވަސް ކޮޅެއް ކުރިއަށްދާއިރު، އަލްހާން އެމްޑީޕީއަށް ދިއުމާ އެކު އެންމެ ފެންވަރު މޮޅު ކާރެއް ގެންގުޅުއްވަމުން ފެއްޓެވުމާއި އުމުރު ހަމަނުވިއަސް، އެއްބަޑު އެއްބަފާ ބޭފުޅުންނަށް ގައުމީ ބޭންކުގެ ޑިރެކްޓްރުންގެ ބޯޑުން ޖާގަ ދެއްވުމަކީ "ރިޝްވަތުގެ" ތުހުމަތުގެ ސުވާލު ކުރެވިދާނެ ކަމަށް ސިޔާސީ ރަހުމަތްތެރިން ވެސް ގަބޫލުކުރައްވާ ކަންތައްތަކެވެ. އަލީ ވަހީދު އެމްޑީޕީއަށް ސޮއި ކުރި ޕެކޭޖްގައި ވަރަށް ބޮޑަތި އަދަދުތަކުން ރިޝަވަތު ހިމެނޭ ކަމަށް ރަށު ތެރޭގައި ވަނީ އަޑުފެތުރިފަ އެވެ.
މެންބަރު އަލީ ވަހީދުގެ ސިޔާސީ ތާރީހުގެ އައު ސަފުހާއެއް ރޭ އާޓިފިޝަލް ބީޗްގައި ލިޔަން ފެށިއިރު މެންބަރު އަހުމަދު މަހުލޫފް ވިދާޅުވަނީ "ލިބޭނެ ފައިސާގެ އަދަދާއި އެހެނިހެން އިނާޔަތްތައް އޭނާ (އަލީ ވަހީދު) އަޅުގަނޑާ ދެ ފަހަރެއްގެ މަތިން މީގެ ކުރިން ހިއްސާ ކުރެއްވި،" ކަމަށެވެ.
އެއީ ހަގީގަތް ނޫންކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ވައުދުތައް މެކުހަށް ޖެހުމުގެ ފަލްސަފާ ވިސްނުމުގައި ކުރިއަށް ގެންދާ މަޖިލިސް މެންބަރުންގެ ބްލެކް މާކެޓުން ކުރެވެނީ އެންމެ ސުވާލެކެވެ. ރައީސް އާއި ވަކިވެފައިވާ ގާނޫނު ހެދުމުގެ ބާރުތައް އަތް ދަށައް ޖަމާކުރުމަށް ކުރެވޭ ސުވާލެވެ. އެ ސުވާލުން ކުރި ފަޅާނޭ ކިތަންމެ ސުވާލެއް އެބަހުއްޓެވެ. އެ ވާހަކަ އެހެން ފަހަރަކަށް ބޭއްވީ އެވެ.
"ވަރުގަދަ" އަލީ ވަހީދު އުފުރާލެވުމުން އަދި މަޖިލީހުގެ ބްލެކް މާކެޓަށް ނިމުނީއަކީ ނޫނެވެ. މާކެޓްގެ އަގު ހަ މިލިއަން ޑޮލަރަށް މަތިވިވެފައިވާ ކަމަށް ތުންތުން މަތި ވާހަކަ ދެކެވުނަސް އެއަދަދުތައް އެތައް މިލިއަނަކަށް އިތުރުވާނެ އެވެ. މެންބަރުންނަކީ މިއަދު އެންމެ ބޮޑަށް އަގު ކުރެވޭ މުދަލެކެވެ. އެކަމާ ޝައްކުކުރާނެ ޖާގައެއް ނެތެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދަނީ އެ އަޣުލަބިއްޔަތު ލިބެމުން އަންނަ ތަން ލިބޭތަން ލިބުނުތަން." ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ. ރައީސް އެވިދާޅުވާ "ލިބުނުތަނުގެ" ތައުބީރަކީ 34 ހަތަރު މެންބަރު އެމްޑީޕީއަށް ލިބުމެވެ. އަދި އިތުރު ފަސް މެންބަރުން އެމްޑީޕީއާ ގުޅޭނެ ކަމުގެ ޔަގީންކަމެވެ. ރައީސް އަމާޒު ބަހައްޓަވާފައިވާ ގޮތުން ޑޮލަރުގެ ބްލެކްމާކެޓް ދުއްވާލެއްވި ނަމަވެސް މެންބަރުންގެ ބްލެކް މާކެޓް އުފައްދަވައި ދެއްވައި މެކުހަށް ޖައްސަވައި ދެއްވައިފަ އެވެ.
އަލީ ވަހީދު ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން އޭނާ އަށް މާލީ ގޮތުންނާއި އެ ނޫން ގޮތް ގޮތުން ފައިދާތަކެއް ވެދާނެ އެވެ. އެކަމަކު އޭނާގެ އެ އަމަލަކީ އޭނާ އިންތިހާބު ކުރި ރައްޔިތުންނަށްވީ "ހަރާންކޯރު"ވުން ނޫން ދެ ވަނަ ކަމަކަށް ވާނެ ކަމަކަށް ހަމަ ޔަގީންނުން ވެސް ހަމަ ގަބޫލުކުރާ އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ.
އަލީ ވަހީދުގެ އެ ނިންމެވުމާ އެކު އޭނާ ސިޔާސީ ގޮތުން އާ އުސްމިންތަކަކަށް ވާސިލުވުމުގެ ފުރުސަތު ދީފި ނަމަ މި ގައުމުގެ މީޑިއާ ވެސް ފޭލިވުން ނޫން ގޮތަކަށް ތަރުޖަމާ ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.