04 Jul 2016, 02:29
އުރިދީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބިޖީ ސްޕޯޓްސްގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ޔުނައިޓެޑް ވިކްޓަރީން ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މިރޭގެ މެޗު ކާމިޔާބުކޮށް ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓަރީ ތިން ވަނައިގައި އޮތް އިރު، އެ މެޗުން ބަލިވި ބީޖީ އޮތީ ހަތް މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް ވެސް 12 ޕޮއިންޓް ލިބިފައިވާ އިރު، ޔޫވީ އަށް ވުރެ ކުރީގައި އީގަލްސް އޮތީ ގޯލުގެ ތަފާތުންނެވެ. މިރޭގެ މެޗަކީ ޔޫވީ އާއި ބީޖީއަށް ފުރަތަމަ ބުރުގެ ފަހު މެޗެވެ.
އެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ބީޖީ އަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ހިލޭ ޖުހުމެއް ބިދޭސީ ފޯވާޑް ރަފައެލް ބެޓިމް މާޓް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފް ޔުނައިޓެޑް ވިކްޓަރީން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމލާތަކެއް ވެސް އުފައްދަމުން ދިޔައީ ބީޖީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓްގައި ބީޖީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. އެ ގޯލު ކިންގްސްލީ ކާމިޔާބު ކުރީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރާއި ދެ ކުޅުންތެރިން ކައިރިން ވެސް ނައްޓާލުމަށް ފަހުގައެވެ.
ބީޖީން ނަތީޖާ އެއްވަރުކުރިތާ މިނެޓެއް ފަހުން ޔުނައިޓެޑް ވިކްޓަރީން ވަނީ ގޯލެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފަ އެވެ. އެ ގޯލު ރަފައެލް ކާމިޔާބުކުރީ ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ މުހައްމަދު ނިޒާމް ޔުނައިޓެޑް ވިކްޓަރީގެ ކެރިކް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެންލްޓީ އެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.