ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މާސޭ އަށް ކުޅެމުންދިޔަ ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއަޔީ، އިނގިރޭސި ކްލަބު ޗެލްސީއާ ގުޅިއްޖެ އެވެ.

އުމުރުން 22 އަހަރުގެ ފޯވަޑް ބަޓްޝުއަޔީ 40 މިލިއަން ޔޫރޯ އަށް ޗެލްސީއާ ގުޅުނު އިރު، އޭނާ އަކީ އެންޓޯނިއޯ ކޮންޓޭ އެ ކްލަބުގެ ކޯޗުކަމާ ހަވާލުވި ފަހުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

"ޔޫރަޕުގެ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބަކަށް ސޮއި ކުރެވުމުން އުފާކުރަން. އަދި އަހަރެން ބޭނުންވަނީ ކެރިޔަރުގެ އާ ސަފުހާތަކެއް ހުޅުވާލަން. ޗެލްސީގައި ހޭދަކުރާ ދުވަސްތަކުގައި ކްލަބަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް އެހީތެރިވެވޭނެ ކަމަށް އުންމީދު ކުރަން،" ޗެލްސީއާ ގުޅުމަށްފަހު ބަޓްޝުއަޔީ ބުންޏެވެ.

އޭނާ ބުނީ، ޗެލްސީއާ ގުޅުމުގެ ކުރިން އެ ކްލަބުގެ ރަނގަޅު ކަންތައްތަކުގެ ވާހަކަތައް ޗެލްސީ އަށް ކުޅޭ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާ އާއި އެޑެން ހަޒާޑް ކިޔައިދިން ކަމަށާއި ކޮންޓޭ ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް ވުމުން އުފާކުރާ ކަމަށެވެ.

މިދިޔަ ހަފުތާގައި ޗެލްސީގެ މެޑިކަލްގައި ބައިވެރިވި ބަޓްޝުއަޔީ ހޯދުމަށް ކްރިސްޓަލް ޕެލަސް އާއި ޓޮޓެންހަމް ހޮޓްސްޕާ އާއި، ޔުވެންޓަސް އަދި ވެސްޓް ހާމް އިން ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ޗެލްސީއާ ގުޅިފައިވާ ބަޓްޝުއަޔީ ވަނީ މިދިޔަ ސީޒަނުގައި މާސޭ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި މާސޭ އަށް ކުޅުނު 36 މެޗުން 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ޔޫރޯގެ ދެވަނަ ބުރުގައި ހަންގޭރީއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރިތާ މާ ގިނައިރުތަކެއް ނުވަނީސް ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ.