ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސާއި އައިސްލެންޑް ބައްދަލުކުރާ މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް ސްޓޭޑް ޑި ފްރާންސް ސްޓޭޑިއަމް ކައިރީގައި އެއްޗެއް ގޮއްވާލައިފި އެވެ.

އެ ހަމަލާއާ ގުޅިގެން ފްރާންސްގެ ފުލުހުން ބުނީ، ހާސްވާ ވަރުގެ ކަމެއް ނުހިނގާ ކަމަށާއި ދަނޑު ކައިރީގައި ސެކިއުރިޓީގެ ހުރިހާ ކަމެއް ވަރުގަދަ ކުރާނެ ކަމަށެވެ.

އެ ގޮވުމާ ގުޅިގެން ފުލުހުން ވަނީ ޓްރެއިން ސްޓޭޝަނެއްގެ ކައިރީގައި އޮތް ވެހިކަލެއް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް ދަނޑު ކައިރީގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 130 މީހުން މަރުވިތާ އަށް މަސް ފަހުންނެވެ. އައިއެސްގެ ޓެރަރިސްޓުންތަކެއް ވަނީ މިދިޔަ އަހަރު ފްރާންސާއި ޖަރުމަން ބައްދަލުކުރުމަށް ހަމަޖެހުނު އެކުވެރިކަމުގެ މެޗެއްގައި ސްޓޭޑިއަމަށް ހަމަލާ ދިނުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

އެ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހުނު މެޗަށް ދަނޑު ތެރެއަށް ވަނުމަށް ދެ ޓެރަރިސްޓުން މަސައްކަތް ކުރި އިރު، އެއް ޓެރެރިސްޓަކު ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށް ދަނޑަށް ވަންނަން އުޅެނިކޮށް ސެކިއުރިޓީން ހިފެހެއްޓުމާއެކު ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވެ އެވެ.