ޖަރުމަނުގެ ފޯވާޑް މާރިއޯ ގޮމޭޒްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިފަހަރުގެ ޔޫރޯގައި ދެން އިތުރަށް އޭނާ ނުފެންނާނޭ ކަމަށް ޖަރުމަނުގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނެފިއެވެ.

ޔޫރޯ 2016ގެ ކުއާޓަރ ފައިނަލްގައި ރޭ އިޓަލީ އަތުން ޖަރުމަނު މޮޅުވި މެޗުގެ ދެވަނަ ހާފްގައި ގޮމޭޒްގެ ފައިގެ ފަލަމަސްގަނޑު އިރައިގެން ދިއުމުގެ ސަބަބުން އޭނާ ވަނީ ދަނޑުން ބާލައިފައެވެ.

މިދިޔަ ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބެސިކްޓަސްއަށް ކުޅުނު ފިއޮރެންޓީނާ ފޯވާޑް ގޮމޭޒަށް އަނިޔާގެ ސަބަބުން ޔޫރޯއަށް އަލްވަދާއުކިޔަން ޖެހިފައި ވާއިރު، ސެމީ ފައިނަލްގައި ޖަރުމަންޓީމުގެ ބަސްޓިއަން ޝްވެންސްޓައިގަރ އާއި ސާމީ ކެދީރާއަށް ވެސް އަނިޔާގެ ސަބަބުން ކުޅެވޭނޭކަމަކަށް ނުބެލެއެވެ. މިއީ ކޯޗު ޔަކިމް ލޯއަށް ކުރިމަތިވާނޭ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

"މިއީ ވަރަށް ބޮޑު ދެރައެއް މުބާރާތުގެ އެންމެ ވަރުގަދަ ސްޓޭޖްގައި، އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރީންތަކަކަށް ނުކުޅެވުން،" ލޯ ބުންޏެވެ.

"އަހަރެން އަދި ވަރަށް ބޮޑަށް ދެރަވެއްޖެ މާރިއޯއަށް ކަންތައް ދިމާވިގޮތުން. އޭނަގެ ފަރާތުން ވަނީ މިފަހަރުގެ މުބާރާތުގައި ވަރަށް މޮޅުކުޅެމެއް ފެނިގެން ގޮސްފައި، ހަމަ އެކަނި ލަނޑު ޖެހުމެއް ނޫން، މުޅި ޓީމަށްވެސް."

ޖަރުމަނު ކޯޗު ބުނީ، މުހިއްމު ކުޅުންތެރީންތަކެއް ނެތި ކުޅެން ޖެހުނު ނަމަވެސް އެ ކުޅުންތެރީން ނެތްތަން ފޫބެއްދޭ ވަރުގެ މޮޅެތި ކުޅުންތެރީން އޭނާގެ ސްކޮޑްގައި އެބަ ތިބި ކަމަށެވެ.

"މިއީ ވަރަށް ފެންވަރު ރަނގަޅު ސްކޮޑެއް. އަހަރެންގެ ހުރިހާ ކުޅުންތެރީންނަށް ވެސް ފުރިހަމަ އިތުބާރު އެބައޮތް،" މާސޭގައި ފްރާންސް ނުވަތަ އައިސްލެންޑާ ދެކޮޅަށް ކުޅެން ޖެހޭ ސެމީފައިނަލް މެޗަށް ފުރިހަމައަށް ތައްޔާރަށް އޮތްކަން ހާމަކުރަމުން ލޯ ބުންޏެވެ.

އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހަމެލްސްއަށް ދެ ރީނދޫ ކާޑު ހަމަވެފައި ވާތީ އޭނާއަށް ވެސް ސެމީގައި ނުކުޅެވޭނެއެވެ.