ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދައުލަތުގެ އިމާރާތެއްކަމުގައިވާ މުލީއާގެއާއި ދައުލަތުގެ މީޑިއާކަމުގައިވާ "ޓީވީއެމް" ގެ ވަސީލަތްތައް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމް އިން ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް ބުނެ އީސީ އަށް މައްސަލަ ހުށަހެޅީ އިދިކޮޅު އެމްޑީޕީ އިން ނެވެ.

އެމްޑީޕީ އިން ބުނީ ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކުރެވޭގޮތަށް ހަމަޖައްސައިގެން ނުވާނެކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ޕީޕީއެމް އިން ބޭނުންކުރަމުން ގެންދާކަމަށް އެމްޑީޕީ އިން އީސީ އަށް ފޮނުވި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ކުރިން ހުއްދަ ނެގުމަކާނުލައި ބޭނުން ހިފިދާނެ އަސާސީ ހައްގެއް ކަމަށް ގާނޫނުއަސާސީގެ ދަށުން ކަނޑައަޅާފައި ވީނަމަވެސް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފަރާތަކަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ނުދޭ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ އިން އެފަދަ ސިޓީ އެއް އިލެކްޝަނަށް ފޮނުވާފައި ވާއިރު، މިދިޔަ ހުކުރު ދުވަހު ޕީޕީއެމް ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއް މުލީއާގޭގައި ވަނީ ބާއްވައިފައެވެ. އަދި ޓީވީއެމް އިން ވަނީ އެ ބައްދަލުވުން ވަގުތުން ދުރަށް ވެސް ދައްކައިފައެވެ.