ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޖެންޑާ މިނިސްޓްރީން ބާއްވަމުން އަންނަ "ރެދަން" މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރެދަން މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ތައްޔާރުކުރާ ތަކެތި ދައްކާލާއި އެކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވަމުން އަންނަ މައުރަޒެކެވެ.

މީގެ އިތުރުން، އެ މައުރަޒުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތި ވިއްކުމާއި ވިއްކޭނެ މަގު ތަނަވަސްކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަންނަ އޯގަސްޓު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށް ފަހު މާލޭގައިނަމަ ހުށަހަޅާނީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ އަށެވެ. އަދި އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަކަށެވެ.

މި އަހަރުގެ މައުރަޒުން ވެސް މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް އެންމެ ކަމުދާ އުފެއްދުމަށް ވޯޓު ދީގެން ހޮވާ، ވިޒިޓާސް ޗޮއިސް އެވޯޑް ދިނުމަށް ވަނީ ނިންމައިފައެވެ.

މިދިޔަ އަހަރު ބޭއްވި ރެދަން މައުރަޒުގައި މުޅި ރާއްޖެއިން ސްކޫލް ދަރިވަރުންނާ އެކު 30 މީހުން ބައިވެރިވެފައިވެ އެވެ.