03 Jul 2016, 21:34
ބެލްޖިއަމްގެ ކްލަބު ބްރޫޖުގެ ޑިފެންޑަރު ތޯމަސް މުނިއޭ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ސޮއިކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ބެލްޖިއަމް ޑިފެންޑަރު މުނިއޭ އަކީ ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލާ ހަމައަށް ބެލްޖިއަމް ގެންގޮޮސްދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޔޫރޯ އިން ބެލްޖިއަމް އަލްވަދާއު ކިޔާފައިވަނީ ކުއާޓާގައި ވޭލްސް އަތުން ބަލިވުމުންނެވެ.
މުނިއޭ އަކީ ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް ޕީއެސްޖީ އަށް ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭގެ ކުރިން ޕީއެސްޖީން ވަނީ ގްރެޒެގޯޒް ކްރިކޯވިއާކް އާއި ހާތެމް ބެން އަރްފާގެ ސޮއި މީގެ ކުރިން ހޯދައިފަ އެވެ.
ބެލްޖިއަމްގެ ކްލަބެއް ކަމަށްވާ ކްލަބު ބްރޫޖުގައި ފަސް އަހަރު ހޭދަކުރި މުނިއޭ، ޕީއެސްޖީ އަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
"މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީގެ ސްކޮޑު ވަރުގަދަ ކުރުމަށް އަހަރެން ގެންދިއުމުން ވަރަށް އުފާކުރަން. އަހަރެން ޕީއެސްޖީ އަށް ސޮއިކުރީ އެންމެ މަތީ ފަންތީގައި ތަޖުރިބާ ހޯދުމާއި ކާމިޔާބު ހޯދަން ބޭނުންވާތީ،" ޕީއެސްޖީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މުނިއޭ ބުންޏެވެ.
ކްލަބު ބްރޫޖްއާ 2011 ވަނަ އަހަރު ގުޅުމުގެ ކުރިން މުނިއޭ ފެނިގެންދިޔައީ ބެލްޖިއަމްގެ އާރްއީ ވާޓޮން އިންނެވެ. ބެލްޖިއަމް ސީނިއާ ގައުމީ ޓީމަށް 2013 ވަނަ އަހަރުން ކުޅެމުންދާ މުނިއޭ ވަނީ 15 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ބެލްޖިއަމްގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.