04 Jul 2016, 09:58
ޑާކް ރެއިން އެންޓަޓައިންމަންޓަކީ ހަމަގައިމު ވެސް މިވަގުތު ދިވެހި ފިލްމީ އުދަރެހުގައި އެންމެ ބާރު ދުވެއްޔެއްގައި ހިނގަމުން އަންނަ އިންޖީނެވެ. ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގަރ)ގެ އިރުޝާދުގެ ދަށުން ކާމިޔާބު އުފެއްދުންތަކެއް ވަނީ ދިވެހި ސިނަމާ އަދި ރައްޔިތުންގެ ގޭގެ ސިޓިން ރޫމުތަކާ ހަމައަށް ގެނެސްދީފަ އެވެ.
މޮޅު ފިލްމުތަކެއް އުފެއްދުމުގެ އިތުރުން، ޑާކް ރެއިން އިން އަންނަނީ ހުނަރުވެރި މޮޅު ފަންނާނުންތަކެއް މި ދާއިރާ އަށް ނެރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މިހާރު ފިލްމީ ދާއިރާގައި އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އަކީ ޑާކްރެއިންގެ ދެ މޫނެވެ. މަޖޫ އަކީ އެމީހުންގެ ޕްރޮޑަކްޓެއް ކަމުގައި ވެސް ބުނެވިދާނެ އެވެ.
ދިވެހިންގެ ތެރޭގައި ވެސް ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ހުންނަ ޒުވާނުން ގިނަ އެވެ. ނަމަވެސް އެކަށީގެންވާ ރަނގަޅު ފުރުސަތެއް ނުލިބުމުގެ ސަބަބުން، ނުވަތަ ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން ދާއިރާއަށް ނުކުންނަށް ނުކެރިފައި ތިބި ކުދިން ވެސް އެބަތިއްބެވެ.
އެފަދަ ކުދިންނަށް ޑާކްރެއިން އިން މިހާރު މިވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ. ޑާކްރެއިންގެ ކުރިއަށް އޮތް ޕްރޮޖެކްޓުގައި މަސައްކަތް ކޮށްލުމުގެ ފުރުސަތެވެ.
އެކްޓު ކުރުމަށް ޝައުގުވެރިކަން ހުރި، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށް ޑާކްރެއިންގެ ޓީމާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިދާނެ އެވެ.
ކޮށްލަން ޖެހޭ ހަމައެކަނި މަސައްކަތަކީ ވަރަށް ފަހުން ނަގާފައިވާ ފޮޓޯ އަކާއި، އުމުރާ އެކު ޑާކްރެއިންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މެސެޖެއް ކޮށްލުމެވެ. ފަހަރުގައި އެއީ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލުމަށް ހުޅުވޭ ދޮރަކަށް ވެސް ވެދާނެ އެވެ.
ޑާކް ރެއިންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "ހެޕީ ބާތުޑޭ"، "ދިން ވޭނުގެ ހިތާމާގައި"، "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ" ފާހަގަކޮށްލެވެ އެވެ.