މާލޭ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތްތައް ކުރިޔަށްދާތީ މާލޭ ހުޅަނގު ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުން ބައެއް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ނިމެންދެން ބޮޑުތަކުރުފާނު މަގު ސްޓޭޑިއަމް ސަރަހައްދުން ފެށިގެންގޮސް ކޮކާކޯލާ ޖެޓީއާއި ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ.

ތިރީގައި އެވަނީ އެމަގު ބަންދު ކުރުމުން މިހާރު ދަތުރުކުރެވޭ މަގުތައް:

  • ބޮޑުތަކުރުފާނު މަގު، މާފަތްތަކުރުފާނު މަގާއި ގުޅުނު ހިސާބުން ހުޅަނގަށް
  • ހިލާލީމަގު، އާޒާދީ ހިނގުމާ ގުޅުނު ހިސާބުން ދެކުނަށް
  • ޢިއްޒުއްދީނު މަގު، އާޒާދީ ހިނގުމާ ގުޅުނު ހިސާބުން ދެކުނަށް
  • ބޮޑުތަކުރުފާނު މަގު، މޯލްޑިވްސް ސިމެންތި ގުދަން ހުރި ހިސާބުން ދެކުނަށް

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ބިން ހިއްކައި ނިމުމާ އެކު މަގު ހެދުމުގެ މަސައްކަތް ކުރުމަށް ޓަކައި މަގަށް ބޭނުންވާ ތަކެތި މިހާރު ވެސް ގެނެސްފައިވާ ކަމަށެވެ. މި މަހު 26 އާ ހަމައަށް މައިގަނޑު މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.