03 Jul 2016, 21:38
ހުޅުލެއިން ފުރައިގެން 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުން މިއަދު ސުވާލުކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅޭގޮތުން އަދީބާ ސުވާލުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މިއަދު ފުލުހުން އަދީބާ ސުވާލުކޮށްފައި ވަނީ އެ ލޯންޗުގައި ރޯކޮށްލުމުގައި އެމަނިކުފާނު ބައިވެރިވިކަމަށް ތުހުމަތުކޮށެވެ. އެ ލޯންޗުގައި ރޯކޮށްލަން ފަންޑު ކުރިންތޯ އާއި އެކަމުގައި އެއްވެސް ވަރަކަށް ބައިވެރިވިތޯ ފުލުހުން މިއަދު އަދީބާ ސުވާލުކޮށްފައި ވެއެވެ.

ސެޕްޓެމްބަރ 26، 2015: ފަތުރުވެރިން ގޮވައިގެން ދިޔަ "ސުވެނިއާ 18" ލޯންޗު ހުޅުލެ ބޭރުގައި ރޯވެފައި -- ސަންފޮޓޯ/ ކިޔުންތެރިއެއް
ނަމަވެސް އެކަންކަމަށް އަދީބު މިއަދު ވަނީ އިންކާރު ކުރައްވާފަ އެވެ.
"ސުވެނިއާ 18" ނަމަކަށް ކިޔާ އެ ލޯންޗުގެ އިންޖީނުގައި ރޯވެފައި ވަނީ 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު އެވެ.
އެ ހާދިސާގައި ގިނަ އަދަދެއްގެ ފަތުރުވެރިން ފިހިފައިވެއެވެ. އޭގެތޭރޭގައި ޗައިނާއަށް ނިސްބަތްވާ ކުޑަކުދިން ވެސް ހިމެނެއެވެ.

ސެޕްޓެމްބަރ 26، 2015: ފަތުރުވެރިން ގޮވައިގެން ދިޔަ "ސުވެނިއާ 18" ލޯންޗުގައި ރޯވުމުގެ ސަބަބުން ޒަޚަމްވި ފަތުރުވެރިޔަކު --- ސަންފޮޓޯ/ ކިޔުންތެރިއެއް
އެ ހާދިސާގައި ލިބުނު ޒަޚަމްތަކާ ގުޅިގެން ގިނަ ފަތުރުވެރިންތަކަކަށް ވަނީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ.
އެ ހާދިސާގައި ޒަހަމުވި މީހުންގެ ތެރޭގައި ޗައިނާގެ 16 ފަތުރުވެރިއަކާއި އިންޑިއާގެ ދެ ފަތުރުވެރިއަކާއި ސްރީލަންކާގެ ފަތުރުވެރިއެއްގެ އިތުރުން ބަންގުލަދޭޝްގެ ދެ މީހުންނާއި ޖަޕާނުގެ ދެ ފަތުރުވެރިއެއްގެ އިތުރުން ދިވެއްސަކު ހިމެނެއެވެ.
އެ ހާދިސާގައި އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.