03 Jul 2016, 16:13
ބަޣްދާދު (ޖުލައި 3) : އިރާގުގެ ވެރިރަށް ބަޣްދާދުގައި ރޭ ދަންވަރު ބާރުގަދަ ދެ ބޮން ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި އެވެ.
އިރާގުގެ އަމަނާބެހޭ ދާއިރާތައް ބުނާ ގޮތުން މި ދެބޮމުގެ ތެރެއިން އެއްބޮމަކީ މީހަކު އަމިއްލައަށް މަރުވެގެންދިން ކާރުބޮމުގެ ޙަމަލާއެކެވެ. މި ހަމަލާގައި 80 މީހުން މަރުވެ 200 އެއްހާމީހުން ޒަޚަމްވި އެވެ. މިހަމަލާދިނީ ބަޣްދާދުގެ މެދުތެރޭގައިވާ އަލްކަރާދާ އަވަށުގެ މީހުން ތޮއްޖެހިފައިވާ ބާޒާރަކަށެވެ. މިޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭއިރު އެބާޒާރުގެ ކެފޭތަކުގައި ބައެއް މީހުން ތިބީ ހާރުކާން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލްކަރާދާ އަވަށުގެ މިބާޒާރަކީ ކެފޭތައް ވެސް ވަރަށްގިނަ ބާޒާރެކެވެ.

ބޮންގޮއްވާލި މާރުކޭޓް
ދެވަނަ ބޮން ގޮއްވާލާފައިވަނީ ބަޣްދާދުގެ ހައްޔިއްޝަޢަބު އަވަށުގަ އެވެ. މިހަމަލާގައި މަރުވީ ދެމީހުންނެވެ. މި ދެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ ވެސް ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. އައިއެސް ޖަމާއަތަކީ ދުނިޔޭގައި ހަރަކާތްތެރިވާ އެންމެ އަނިޔާވެރި އަދި ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެވެ. އާންމު ގޮތެއްގައި މުސްލިމުން މެރުމަށް ހަރަކާތްތެރިވާ އަދި މުސްލިމުންނާ ދުޝްމަން މިޖަމާއަތުގެ ގިނަ ހަމަލާތައް އަމާޒުކުރަނީ އާރެއް ބާރެއްނެތް އަދި ކުށެއްނެތް މުސްލިމް އާއިލާތަކަށެވެ.
އައިއެސް ޖަމާއަތާ ދެކޮޅަށް ބޮންއަޅާ އެމެރިކާއާއި ރަޝިޔާއާއި ޔޫރަޕްގެ ބާރުތަކާ ދެކޮޅަށް ހަމަލާދިނުމުގެ ގާބިލްކަންނެތް އައިއެސް ޖަމާއަތުގެ ކިބާގައި ނުވެ އެވެ. މީގެބަދަލުގައި އެޖަމާއަތުގެ ބަދަލުހިފުމުގެ ހަމަލާތައް އަމާޒުކުރަނީ ކުށެއް ނެތް މުސްލިމުންނަށެވެ. އާރެއް ބާރެއްނެތް މުސްލިމް އާއިލާތަކަށެވެ. ޚާއްސަކޮށް އިރާގާއި ސޫރިޔާއާއި ލީބިޔާ ފަދަ ގައުމުތަކުގެ ނިކަމެތި މުސްލިމުންނަށެވެ.
މިތިން ގައުމުގެ ސިފައިންގެ ލަޝްކަރުތައް ވެސް ގެންދަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށް އައިއެސްގެ އަތްދަށުގައިވާ ބިންތައް މިނިވަންކޮށް އައިއެސްގެ ހަނގުރާމަވެރިން މަރައި އެގައުމުތަކުން އައިއެސް ފައްސާލުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެހެންކަމުން ހަނގުރާމައިގެ މައިދާނުގައި ބަލިކަށިވެގެން ފިލަމުންދާ އައިއެސްގެ ޓެރަރިސްޓުންގެ އަމާޒަކީ އެގައުމުތަކުގެ ހަތިޔާރުނެތް މުސްލިމުންނެވެ.

ބޮންގޮއްވާލި މާރުކޭޓުން މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ
މި ބަރަކާތްތެރި ރަމަޟާން މަހު އިރާގު ސިފައިންވަނީ ފައްލޫޖާގައި އައިއެސް ޖަމާއަތާ ދެކޮޅަށް ބަޔާންވެގެންވާ ނަސްރެއް ހޯދައި އެޖަމާއަތުގެ އެތައްސަތޭކަ ބަޔަކު ހަނގުރާމައިގެ މައިދާނުގައި މަރާލާފަ އެވެ. އޭގެކުރިން އިރާގުގެ ލަޝްކަރުތައް ވަނީ ރަމާދީގައިވެސް އައިއެސް ގެ ޓެރަރިސްޓުން ބަލިކޮށް އެޖަމާއަތުގެމައްޗަށް ބޮޑުވެގެންވާ ނަސްރެއް ހޯދާފައެވެ.
ލީބިޔާއަށްބަލާއިރު ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ނިސްބަތްވާ ބާރުތަކުން ވެސް ވަނީ އެގައުމުގައިވާ އައިއެސްގެ މައިމަރުކަޒު ކަމަށްވާ ސިރުތުގެ 90 އިންސައްތަ މިނިވަންކޮށް އައިއެސްގެ މައްޗަށް ބަޔާންވެގެންވާ ނަސްރެއް ހޯދާފަ އެވެ. މިނަސްރާ އެކު ލިބިޔާ ސަރުކާރުން ވަނީ އައިއެސްއަކީ ކަރުދާހުގެ މިނިކާވަގެއްކަމަށް ސިފަކޮށްފަ އެވެ.
ސޫރިޔާއަށް ބަލާއިރު ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާގެ ލަޝްކަރުތައް ވަނީ އެގައުމުގެ އުތުރުގެ ހަލްބް އާއި ހަލްބްގެ ކައިރީގައިވާ އެތައް އަވަށެއް އައިއެސްގެ އަތްދަށުން މިނިވަންކޮށް އައިއެސްގެ މައިމަރުކަޒު ކަމަށްވާ އައްރިއްގާގައިވާ އައިއެސްގެ ވެރިކަމުގެ މަރުކަޒުތައް ވެސް ތަޅައި ބިމާހަމަކޮށްލާފަ އެވެ.
އައިއެސް އިން ބަޣްދާދުގައި ބޮން ގޮއްވުމަކީ އާންމު ކަމެކެވެ. މިފަހަރު ބޮން މިގޮއްވާލީ ބަޣްދާދުގެ ކައިރީގައިވާ ފައްލޫޖާގައި އިރާގުގެ ލަޝްކަރުތަކުގެ އަތްދަށުން (ހަނގުރާމައިގެ މައިދާނުގައި) އައިއެސްގެ ހަނގުރާމަވެރިން ނިކަމެތި ގޮތަކަށް ބަލިވެ އިނދަޖެހުމުން އެކަމުގެ ބަދަލު އާންމުންގެ ކިބައިން ހިފުމުގެ ގޮތުން ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ.
އައިއެސް އަކީ އިރާގު ސިފައިންގެ ކޮމާންޑަރުންނަށާއި އިރާގުގެ ލީޑަރުންނަށް ގޯނާކުރެވޭވަރަށްވުރެ ބަލިކަށި ޖަމާއަތެއްކަމަށާ އެޖަމާއަތުގެ ބަދަލު ހިފުމުގެ ހަމަލާތައް އަމާޒުކުރަނީ އިރާގުގެ ބާޒާރުތަކާއި މިސްކިތްތަކާ އަދި މަގުތަކުގައި ހަރަކާތްތެރިވާ ކުށެއްނެތް މުސްލިމް އާއިލާތަކަށް ކަމަށް އިރާގުގެ މީޑިޔާ ބުނެ އެވެ. (ނޫސްއެޖެންސީތައް)