ރޯދަ މަހާ ދިމާކޮށް މަގުތަކުގައި ހަރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމި ދީނީ ޒިކްރު ބޯޑުތަކުގެ ބައެއް ބޯޑުތައް މާލޭގެ ސްކޫލްތަކަށް ބަހައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރީ ސްކޫލްތަކާ އެކު މާލޭގެ 36 ސްކޫލަކަށް ވަނީ އެ ޒިކްރު ބޯޑުތައް ހަވާލުކޮށްފަ އެވެ. ކޮންމެ ސްކޫލަކަށް ވެސް ހަވާލުކުރީ ނުވަ ބޯޑެވެ. އެ ބޯޑުތައް ސްކޫލްތަކާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލް ދަރިވަރުން އުޅޭ ސަރަހައްދެއްގައި ދީނީ ޝިއާރުތަކެއް ހުރުމަކީ ދީނީ ރޫހު ކުދިންގެ ހިތްތަކުގައި އާލާވާނެ ކަމެއް ކަމުން ޒިކްރު ބޯޑުތައް ހަރުކުރަން ފުރަތަމަ ފަށާނީ ސްކޫލްތަކުގައި ކަމަށެވެ.

އެ ބޯޑުތައް ސްކޫލްތަކުގެ ގޯތިތެރޭގައި ހަރުކުރަން މިނިސްޓްރީން ލަފާދީފައި ވަނީ ވީހާ ވެސް ގިނަ ކުދިންނަށާއި މީހުންނަށް ފެންނާނެ ގޮތަށެވެ.

ރޯދައާ ދިމާކޮށް މަގުތަކުގައި ހަރުކުރަން ނިންމި ޒިކްރު ބޯޑުތައް ސްކޫލްތަކަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ޒިޔާދު ބާގިރު ވިދާޅުވީ، ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުގެ މަގުތަކުގައި ދީނީ ޒިކްރު ބޯޑުތަކެއް ހަރުކުރަން މިއަދު ފަށާއިރު، ޒިކްރު ބޯޑުތައް އަތޮޅުތެރެއަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ހަރުކުރަން މިއަދު ފަށާ އެ ޒިކްރު ބޯޑުތަކަކީ ރަމަޟާން މަސް އަންނަން ވާ އިރަށް ހަރުކުރަން ނިންމި ބޯޑުތަކެއް ނަމަވެސް، އެކަން ލަސްވެގެން ދިޔައީ ބޯޑުތައް ޕްރިންޓް ކުރަން ވަގުތު ނެގުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ދިވެހި ރައްޔިތުންނަށް މި ރޯދަ މަހު ބަހަން ނިންމާފައިވާ 40 ދުއާއެއް ލިޔެފައިވާ ކާޑުތަކެއް ވެސް ޗާޕު ކުރެވި ރަމަޟާން މަހުގެ މެދުތެރެއިން ފެށިގެން މިހާރު ބަހަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މާރުކޭޓު ސަރަހައްދާއި، މައިދާންތަކާއި ރަސްފަންނު ފަދަ ތަންތަނުގައި މީހުން ތިބޭ އިރު، ސިޔަރަތާއި ޤުރްއާން ކިޔެވުމުގެ އަޑު އިވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ކުރަން އަދި ފަށާފައެއްނުވެ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކާ ގުޅިގެން ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީން ސްޓިއަރިން ކޮމެޓީއެއް އެކުލަވާލެވި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މަތީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ އެ ޕްރޮގްރާމްތަކުގެ މައުލޫމާތު މި މަހުގެ ތެރޭގައި ސްކޫލްތަކަށް އަންގާނެ ކަމަށް ވިދާޅުވި އެވެ.