03 Jul 2016, 15:05
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެއްޖެ އެވެ.
މުވައްޒަފުންގެ ސުކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސުކީމެކެވެ. އަދި ސުކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
ހައްޖު ކޯޕަރޭޝަނަކީ މުވައްޒަފުންގެ ސްކީމުގައި ބައިވެރިވި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން 25 ވަނަ ކުންފުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން މި ސްކީމުގައި މިއަދު ބައިވެރިވެފައިވާ އިރު، އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް އެވެ.
ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ މި ސުކީމަކީ، ވަޒީފާ އަދާކުރާ ޒުވާނުންނަށް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ ރަނގަޅު އަޚްލާގެއް ކަމަށެވެ.
"ޚާއްސަކޮށް ޒުވާނުންނަށް މި ދަސްކޮށްދެނީ ވަރަށް ޚާއްސަ ޑިސިޕްލިންއެއް. ޒުވާން އުމުރުން ފެށީގެން ލާރި ސޭވްކޮށް ހައްޖަށް ދިއުމަށް ފަށާ ދަތުރުގައި ލިބޭ ބޮޑު އެހީތެރިކަމަކަށް މި ސްކީމުން ލިބިގެން ދާނެ،" ނިމާލް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު ޔާމިން އިދުރީސް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން މުވައްޒަފުންގެ ސުކީމުގައި ސަރުކާރުގެ ހުރިހާ އިދާރާއަކުން ބައިވެރިވުން ކަމަށާއި މި ސުކީމުގައި އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވުން ކަމަށެވެ.
އެގޮތުން، ބައެއް އަމިއްލަ ފަރާތްތަކުން މީގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ވެސް ޔާމިން ފާހަގަ ކުރެއްވި އެވެ.