03 Jul 2016, 13:51
ޕިޝާވަރު (ޖުލައި 3): ޕާކިސްތާނުގެ ޗިތުރަލް ޑިސްޓްރިކްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުމުގެ ސަބަބުން 28 މީހަކު މަރުވެއްޖެ އެވެ.
އަފްގާނިސްތާނާ ޕާކިސްތާނާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޗިތުރަލް ޑިސްޓްރިކްޓަށް އިއްޔެއިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 30 ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
"ފެންބޮޑުވުމުގެ ސަބަބުން 10 މީހަކު މަރުވެ 21 މީހަކަށް އަނިޔާވި. ބައެއް މީހުން ވަނީ ހޯދާ ނުފެނިފައި،" ޗިތުރަލް ޑިސްޓްރިކްޓު އެޑްމިނިސްޓްރޭޓަރު، މަޣުފިރަތު ޝާހު ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ސަރަހައްދުތަކުން 18 މީހަކު މަރުވެފައިވާ ކަމަށާއި ފަރުބަދަމަތީ ސަރަހައްދުތައް ބެލުމުން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝާހު ވިދާޅުވި އެވެ.
މިދިޔަ އަހަރު ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އޭގެ އަސަރު 300،000 މީހުންނަށް ކޮށް، 81 މީހަކު މަރުވެފައިވެ އެވެ. (ރޮއިޓާސް)