މާލެ ސިޓީ ކައުންސިލް މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރެއިން ރެޖިސްޓްރޭޝަންގެ ޚިދުމަތްތައް، އެ ކައުންސިލުގެ ހުޅުމާލޭ ސެކްޝަނުން މިއަދު ދޭން ފަށައިފި އެވެ.

ހުޅުމާލެ ސެކްޝަނުން މިއަދު ފޯރުކޮށްދޭން ފަށާފައިވާ ތިން ޚިދުމަތަކީ އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި، ރަށްވެހިން ރަޖިސްޓްރީ ކުރުމާއި ވަގުތީގޮތުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ލިޔުން ދޫކުރުމުގެ ޚިދުމަތެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ ކައުންސިލަރ ޝަމާއު ޝަރީފް މިއަދު ވިދާޅުވީ މިއަދު ހުޅުމާލެ ސެކްޝަނުން ފެށި ރެޖިސްޓްރޭޝަން ޚިދުމަތްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށެވެ.

"މި ޚިދުމަތްތައް ދޭން ފެށުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުން. އެމީހުން ކައުންސިލްގެ ޚިދުމަތްތައް ހޯދަން މާލެއަށް ދަތުރުކުރުމުގެ ބުރަ އުފުލާކަށް ނުޖެހޭނެ،" ޝަމާއު ވިދާޅުވި އެވެ.

ރެޖިސްޓްރޭޝަން ޚިދުމަތްތައް ހުޅުމާލެ ސެކްޝަނުން މިއަދު ދޭން ފަށާފައިވާ އިރު މި ޚިދުމަތްތައް ފޯރުކޮށްދެނީ ލިޔެކިޔުންތައް މާލެއަށް ފޮނުވައިގެންނެވެ. ހުޅުމާލެ ސެކްޝަނުން ފޯމު ބަލައިގަނެ، މާލެއަށް ފޮނުވައި އެތަކެތި ޕްރޮސެސް ކުރުމަށްފަހު އަނެއްކާވެސް ހުޅުމާލެއަށް ފޮނުވޭނެ އެވެ.

ޝަމާއު ވިދާޅުވީ މިވަގުތު ބަޖެޓާއި ވަސީލަތްތަކުގެ ދަތިތައް ހުރުމުން މަސައްކަތް ކުރެވެން އޮތީ މިހެން ކަމަށާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް ޚިދުމަތް ފޯރުކޮށްދިނުން އަވަސް ކުރުމަށް ބައެއް އިކުއިޕްމެންޓާއި ނެޓްވޯކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން އެކަމަށް ބޭނުންވާ ބަޖެޓު ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޝަމާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިހާރު ފޯރުކޮށްދެމުން އަންނަނީ ވަރަށް މަދު ޚިދުމަތްތަކެކެވެ. ކައުންސިލުން ކުރަންޖެހޭ ގިނަ މަސައްކަތްތައް ވަނީ ހައުސިންގ މިނިސްޓްރީގެ ދަށަށް ސަރުކާރުން ބަދަލު ކޮށްފަ އެވެ.