21 May 2011, 08:58
ނިއުޔޯކް: އަންހެނަކު ރޭޕްކުރުމުގެ ތުހުމަތުގައި އެމެރިކާގައި ހައްޔަރު ކުރެވިފައިވާ އައިއެމްއެފްގެ ކުރީގެ ޑައިރެކްޓަރު ޑޮމިނިކް ސްޓްރާވްސް ކަފާލާތުގެ ދަށުން މިނިވަންކޮށްފި އެވެ. އޭނާ މިނިވަންކުރީ އެއްމިލިޔަން ޑޮލަރުގެ ކަފާލާތެއް ކޯޓުގައި ބެހެއްޓުމުން ކަމަށް ޚަބަރުތައް ބުނެއެވެ. ސްޓްރާވްސް މިނިވަންކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕްކުރުމުގެ ތުހުމަތުތައް ތަޙްޤީޤްތައް ދަނީ ކުރިއަށެވެ.
ސްޓްރާވްސް މިދިޔަ ބުރާސްފަތި ދުވަހުވަނީ އައިއެމްއެފްގެ ޑައިރެކްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. އަންހެނަކު ރޭޕްކުރުމުގެ ކުށުގައި ސްޓްރާވްސް ހައްޔަރުކުރިއިރު އޭނާ ހުންނެވީ ޑައިރެކްޓަރ ކަމުގެ މަޤާމުގައެވެ.
މިމައްސަލަ ތަޙްޤީޤް ކުރުމަށްޓަކައި އެމެރިކާގެ ފުލުހުން އޭނާއާ އެއްފަހަރު ސުވާލު ކުރުމަށްފަހު ދެވަނަފަހަރު ވެސްވަނީ ސުވާލުކޮށްފައެވެ. ސްޓްރާވްސް ގެ މައްޗަށް ކުރެވިފައިވާ މައިގަނޑު ތުހުމަތަކީ ނިއުޔޯކްގައި އޭނާ ހުންނެވި ހޮޓަލެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޮތުން ގޯނާކޮށް އެއަންހެންމީހާގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ. ނަމަވެސް މިކަމާ ގުޅިފައިވާ ތިންތުހުމަތެއް ރަސްމީކޮށް އޭނާގެ މައްޗަށްވަނީ ކުރެވިފައެވެ.
ސްޓްރާވްސް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކަކީ ދޮގުތުހުމަތު ތަކެއްކަމަށް ވިދާޅުވެ އެތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. ސްޓްރާވްސްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެކަމަށް ޤާނޫނީ މާހިރުން ބުނެއެވެ. -- އަލްޢަރަބިއްޔާ